އައްޑޫ ސިޓީގައި ހިންގާ ސައުތް ޕާމް ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ސައުތް ޕާމް ރިސޯޓުގެ މުވައްޒަފަކު ޑިއުޓީއަށް ނައިސްގެން ބެލިއިރު އޭނާގެ ކޮޓަރީގައި ހަރަކާތެއް ނެތިފައި އޮތުމުން، ހުޅުމީދޫ ހެލްތް ސެންޓަރަށް ގެންދިޔަކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:19 ހާއިރު ލިބިފައިވާ ކަމަށެވެ.

"މި މީހާ ހުޅުމީދޫ ހެލްތު ސެންޓަރަށް ގެނައިއިރު ނިޔާވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދީފައިވޭ. ނިޔާވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް." ފުލުހުން ބުނެފައިވެ އެވެ.

ހުޅުމީދޫ ހެލްތް ސެންޓަރުގެ މެނޭޖަރު އިބްރާހިމް ދީދީ "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސައުތް ޕާމް ރިސޯޓުގައި މަރުވެފައި އޮއްވާ ފެނުނީ އައްޑޫ ސިޓީ ފޭދޫ މީހެއް ކަމަށެވެ.

"ބޮޑަށް ބެލެވެނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް." އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ފުލުހުން ވެސް ބުނީ އެމީހާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.