ޗައިނާ އިން އުފަންވެ، މުޅި ދުނިޔެއަށް ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސްއަށް ޓެސްކުރުމުގެ ގޮތުން، އެކަހެރިކޮށްފައި ތިބި ތިން މީހުންގެ ކިބައިން ފެނުނު އެ ރޯގާގެ އަލާމާތްތައް މިހާރު ނެތް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާއިން ރާއްޖެ އައި ތިން ދިވެއްސަކު ކޮރޯނާއަށް ހުރިތޯ ޔަގީން ކުރުމަށް ކ. ފުނަދޫގައި މިހާރު ވަނީ އެކަހެރި ކޮށްފަ އެވެ. އެ ތިން މީހުން ޓެސްޓްތައް ހެދުމަށްޓަކައި ލޭގެ ސާމްޕަލް މިހާރު ވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ލެބަކަށް ފޮނުވައިފަ އެވެ.

ކޮރޯނާ ވައިރަސްގެ ފަހުގެ މައުލޫމާތު ހާމަ ކުރުމަށް މިރޭ ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، އެކަހެރި ކުރި ތިން މީހުގެ ހާލުވެސް ރަނގަޅު ކަމަށާއި ކުރިން އެމީހުންގެ ފަރާތުން ފެނުނު ކޮރޯނާ ވައިރަސްއަށް ޝައްކުވާ ފަދަ އަލާމަތްތައް މިހާރު ނުފެންނަކަމަަށެވެ.

"[ފުރަތަމަ ގެންދިޔަ ޒުވާނާ] އެންމެ ފުރަތަމަ ގެންދިޔަ އިރު ފެންނަން ފާހަގަވި އަލާމާތްތައް މިވަގުތު ނެތް އެންމެ ފަހުން މައުލޫމަތު ލިބުނު އިރު އެ ފަރާތުގެ ހާލު ރަނގަޅު. އަދި އިތުރަށް ބެލުމަށް އައިސޯލޭޓް ކުރި [ދެ] ފަރާތްތަކުގެވެސް އިތުރު އަލާމާތްތަކެއް ނެތް. އައިސޮލޭޓް ކުރި އިރު ހުރި އަލާމާތްތައްވެސް މިވަގުތު ނެތް،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެކަހެރިކޮށްފައި ވަނީ ޗައިނާގައި ކިޔަވަން ހުރުމަށް ފަހު މިދިޔަ ބުދަ ދުވަހުގެ ރޭ ރާއްޖެ އައި 20 އަހަރުގެ ޒުވާނެކެވެ. އެ ޒުވާނާއަށް ކޮރޯނާ ޖެހިފައިވާކަމަށް ޝައްކު ކުރެވެނީ އެ ވައިރަސް ފެތުރެން ފެށި ހުބޭ ޕްރޮވިންސްގެ މީޓް މާކެޓަކަށް މިފަހުން ޒިޔާރަތްކޮށްފައިވުމާއި އޭނާގެ އަރިދަފުސް ރޯގާގެ އަސަރު ހުރުމުންނެވެ.

ދެން އެކަހެރި ކޮށްފައި ތިބި ދެ ދިވެހިންނަކީ ވެސް ޗައިނާއިން ރާއްޖެ އައުމުން، އެ ވައިރަސް އެ މީހުންގެ ހަށިގަނޑުގައި ހުރިތޯ ކަށަވަރު ކުރުމަށް އެކަހެރިކޮށްފައިވާ ދެ މީހުންނެވެ.

މިނިސްޓަރު އަދި ވިދާޅުވީ ޓެސްޓުތަކުގެ ސާމްޕްލް މިރޭ 7:00 އެހާއިރު އިންޑީއާގެ ވެރިރަށް ނިއުދިއްލީއަށް ގޮސްފައިވާ ކަމަށާއި ޓެސްޓްތައް ހަދާ އިންޑީއާގެ ޕޫނޭއަށް މިރޭގެ ވަގުތެއްގައި އެ ސާމްޕަލްތައް ފޮނުވޭނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މާދާމަ ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ، ސްކްރީން ކުރުމުގެ ތެރޭގައި ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 700 މީހުންނާ ސުވާލުކޮށް ކޮރޯނާއަަށް ޝައްކުވާ މިންގަނޑަށް ފެތޭ މީހަކު ހުރިތޯ ބެލި ކަމަށެވެ. އަދި ވޭތުވެ ދިޔަ، ދެ ދުވަހުގެ ތެރޭގައި ސްކްރީން ކުުރުމުގެ ތެރޭ 1،000 އަށް ވުރެ ގިނަ މީހުންނާ ސުވާލުކުރި ކަމަށް ވެސް ވިދާޅުވި އެވެ.

"ނަމަވެސް، މީގެއިން އެއްވެސް މީހަކު ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ ކްރެޓީރިއާގައި ހިމެނިފައެއް ނެތް. އަޅުގަނޑުމެން މި ދަނީ ސްކްރީން ޕްރޮސެސްވެސް ވަރުގަދަ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފޭސްގައިވާ، ފަރުކޮޅުފުށީގައި ވެސް ކަރަންޓީން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެތަނުގެ ކެޕޭސިޓީ އިތުރުކޮށް ފަރުވާ ދިނުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ކަންކަންވެސް ކުރަމުންދާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިހާރު ކަރަންޓީން ފެސިލިޓީ ގައިމުކޮށްފައިވަނީ ފުނަދޫ އާއި ހުޅުމާލޭގައި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 10،000 ވުރެ ގިނަ މީހުން ކޮރޯނާއަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. މަރުވި މީހުންގެ އަދަދު ވަނީ، 258 އަށް އަރައިފަ އެވެ.