މާލޭ، މަޖީދީ މަގުގައި މިރޭ އެކަނިމާއެކަނި ހުރި ކުޑަކުއްޖަކާ ފުލުހުން ހަވާލުވެ، އެ ކުއްޖާ އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މަންޒަރުދުށް މީހުން ބުނާ ގޮތުގައި، ގާތްގަނޑަކަށް އުމުރުން ދެ އަހަރުގެ އެ ކުއްޖާ އެކަނިމާ އެކަނި ހުރީ މަޖީދީ މަގުގައި ހުންނަ ސަން ފްރޮންޓް ޝޯ ރޫމް ކައިރީގަ އެވެ. އަދި ބަޔަކަށް ފެނިގެން އެ ކުއްޖާ ގެންގޮސް، ފުލުހުންގެ ފެމިލީ ޗައިލްޑް އެންޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާ ހަވާލުކުރި އެވެ.

އެކަމާ ގުޅުގެން ފުލުހުން ބުނީ، އެ ކުއްޖާގެ ބެލެނިވެރިންނަށް މިހާރު އަންގާފައިވާ ކަމަށާއި އެ މީހުންނާ ކުއްޖާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

މިފަހަކަށް އައިސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އެކި ގޮތްގޮތުން އިހުމާލުވުމުގެ މައްސަލަތައް އަންނަނީ ވަރަށް ބޮޑަށް ފެންމަތިވަމުންނެވެ.