03 Feb 2020, 13:05
އިއްޔެ ކުޅުނު ވާދަވެރިކަން ބޮޑު ފައިނަލުގައި އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ބަލިކޮށް ސާބިއާގެ ކޮވަކް ޖޮވިކް ރެކޯޑް އަށްވަނަ ފަހަރަކަށް އޮސްޓްރޭލިއަން އޯޕަންސްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އުމުރުން 32 އަހަރުގެ ޖޮކޮވިޗް އަނިޔާގައި ހުރެގެން ކުޅުނު ފައިނަލުގައި ތިއެމް އަތުން ކުރި ހޯދި އިރު ސެޓުތައް ދިޔައީ 6-4 4-6 2-6 6-3 6-4 އިންނެވެ. މިއީ މިވަގުތު ދުނިޔޭގެ އެއްވަނައިގައި އޮތް ޖޮކޮވިޗް ގެ ހަޔާތުގައި އޭނާ ހޯދި 17 ވަނަ ގްރާންޑް ސްލޭމް އެވެ. މިހާތަނަށް އެންމެ ގިނަ ގްރޭންސް ސްލޭމް ހޯދި ރޮޖާ ފެޑެރާ 20 ސްލޭމް ކާމިޔާބު ކުރި އިރު އޭނާއާ އެންމެ ވާދަވެރި ރަފައެލް ނަދާލް ވަނީ 19 ސްލޭމް ކާމިޔާބުކޮށްފަ އެވެ.
ނަދާލްއާއި ފެޑެރާގެ އުމުރަށް ބަލާފައި އެ ދެ ކުޅުންތެރިންގެ ރެކޯޑްތައް ޖޮކޮވިޗް މުގުރާލާނެ ކަމަށް ގިނަބަޔަކު ދެކެމުން އަންނަ އިރު ފެޑެރާ އަތުގައި އޮން އެންމެ ގިނަ ދުވަސް ވަަންދެން އެއްވަނަައިގެ މަގާމުގައި އޮތް ރެކޯޑު މުގުރާލުމާއި ވެސް ޖޮކޮވިޗް ވަނީ ގާތަށް ޖެހިލައިފަ އެވެ. ފެޑެރާ އަތުގައި އެ ރެކޯޑް އޮތީ ދުނިޔޭގެ ރޭންކިން އެއް ވަނައިގައި 310 ހަފްތާ ފުރިހަމަކޮށްގެންނެވެ. ޖޮކޮވިޗް ގްރޭންޑް ސްލޭމުން ހޯދި ކާމިޔާބީއާ އެކު އޭނާ މިހާތަނަށް ވަނީ އެ މަގާމުގައި 276 ހަފްތާ ފުރިހަމަ ކޮށްފަ އެވެ.
"އަހަރެން އެންމެންނަށް ވެސް ހަނދާން ކޮށްދެން ބޭނުންވަނީ މި ވަގުތަކީ އެންމެން އެކަތިގަނޑަކަށް ވެގެން ތިބެންވީ ވަގުތުކަން،" މެޗު ކާމިޔާބު ކުރުމަށް ފަހު ސްޓޭޑިއަމަށް ހާޒިރުވި 15،000 މީހުންނަށް ޖޮކޮވިޗް ބުންޏެވެ. "ތިބާ ދެކެ ލޯބިވާ މީހުންނާ އަބަދު ވެސް ގާތުގައި ތިބެން ޖެހޭނެ. އެއީ ހަޔާތް ކާމިޔާބު ވުމަށް ލިބޭނެ ބާރެއް."
ޖޮކޮވިޗް ބުނީ އޭނާގެ ކާމިޔާބީގެ ފަހަތުގައިވާ ސިއްރަކީ އުނދަގުލުގައި ތަހައްމަލު ކުރަން ޖެހުނު ޅަ އުމުރު ކަމަށެވެ. ކިޔުގައި ޖެހިގެން ހުރެ ކިރު ތަށްޓަކާއި ބްރެޑް ކޮޅެއް ކައިގެން ހުންނަން ޖެހުނު ހަނދާންތައް އަދިވެސް ނުނެތޭ ކަމަށާއި ކުރިއަށް ދިއުމަށް ލިބުނު ބާރަކީ ވެސް އެއީ ކަމަށް ޖޮކޮވިޗް ބުންޏެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ފައިނަލު މެޗުގައި ޖޮކޮވިޗް ވަނީ އަނިޔާވެގެން ދެފަހަރެއްގެ މަތިން ޑޮކްޓަރެއްގެ އެހީ ހޯދައިފަ އެވެ. އަދި ކުޅުމުގެ ތެރޭގައި ޑީހައިޑްރޭޓް ވެގެން ކުޅުމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށް ވެސް ޖޮކޮވިޗް ބުންޏެވެ.