15 Feb 2020, 22:27
ސޯޝައަލް މީޑިއާގައި ދައުރު ކުރަމުން ދަނީ ސައްހަ ނޫން އޯޑިއޯ ތަކެއް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަލީ ވަހީދު އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސަދުﷲ އަބްދުﷲ އާ ދެމެދު ދެކެވުނު ވާހަކަތެއް ކަމަށް ބުނެ ސޯޝައަލް މީޑިއާގައި ދަނީ އޯޑިއޯތަކެއް ދައުރު ކުރަމުންނެވެ. އެ އޯޑިއޯތަކުގެ ކެބިނެޓްގެ މިނިސްޓަރުންނާއި، އެ މިނިސްޓްރީތަކުން ކުރަމުން ދާ މަސައްކަތަށް ފާޑު ކިޔާފައިވެ އެވެ.
މިނިސްޓަރު އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ އޯޑިއޯތަކެއް ކަމަށް ބުނެ އޯޑިއޯތަކެއް އާންމު ކުރަނީ އަބުރު ކަތިލުތަމަށް ކަމަށެވެ. އަދި އެގޮތަށް އަބުރު ކަތިލަން ކުރާ މަސައްކަތަކުން އެ އަޒުމެއް ނުގުޑާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކަކުން މި އަޒުމެއް ނުގުޑާނެ. އަދި ހިތްވަރެއް ބައްޔެއްވެސް ނުކުރެވޭނެ. ހައްގަށް އަބަދުވެސް ނަސްރު ލިބޭނެ." މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް ކަމަށް ބުނެ އޯޑިއޯތަކެއް ލީކުކޮށްލާފައިވަނީ ޓްވިޓާގައި ފޭކް އެކައުންޓެއް ހަދައިގެންނެވެ.