16 Feb 2020, 09:36
ބޮލީވުޑްގެ ހިތްގައިމު ޖޯޑު ރިޗާ ޗައްޑާއާއި އަލީ ފަޒަލް އަންނަ ޖޫން މަހު ތެރޭ ކައިވެނިކުރާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެފައިވާ ދެތަރިން މިއަހަރު ކައިވެނިކުރުމަށް ނިންމާފައިވާއިރު ދެފަރާތުގެ އާއިލާއިން ވެސް އަންނަނީ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ކަންގަނާގެ "ޕަންގާ"ގެ މުހިއްމު ރޯލެއް އަދާކުރި ރިޗާ އާއި ފަޒަލްގެ ކައިވެނީގެ ވާހަކައަކީ ދޭތެރެދޭތެރެއިން އިވޭ ވާހަކައެކެވެ. ރިޗާ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ކައިވެނިކުރުމަށް ވިސްނަމުންދާ ކަމަށާއި ނަމަވެސް މަސައްކަތްތައް މާބުރަ ކަމުން ކައިވެނިކުރާނެ ވަކި ތާރީހެއް ނޭނގޭކަމަށެވެ.
ރިޗާ އާއި ފަޒަލް ވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައެއްނުވެއެވެ. ފަޒަލް އަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ އެކްޓަރެއް ވެސްމެއެވެ. ފަޒަލް ވަނީ "ފާސްޓް އެންޑް ފިއުރިއަސް 7" ވެސް ކުޅެފައެވެ. އޭނާގެ ކުރިއަށް ހުރި ހޮލީވުޑް ފިލްމުތަކުގެ ތެރޭގައި "ޑެތު އޮން ދަ ނައިލް" ހިމެނެއެވެ.