ގާހިރާ (ފެބްރުއަރީ 25): މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އުމުރުން 91 އަހަރުގައި އަވަހާރަވެއްޖެ އެވެ.

މިސްރުގައި 1981 އިން ފެށިގެން 2011އާ ޖެހެންދެން ވެރިކަން ކުރެއްވި މުބާރަކް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވީ ފަހުން ގާހިރާގެ އަސްކަރީ ހޮސްޕިޓަލެއްގަ އެވެ.

މުބާރަކް ވެރިކަމުން އިސްތިއުފާ ދެއްވީ "އަރަބި ބަހާރު"ގެ ތެރޭ މިސްރުގައި ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެންނެވެ. އެ މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ފައުޖުތަކާ ދެމެދު ހަމަނުޖެހުންތައް ހިނގައި 846 މީހަކު މަރުވެ، 6،000އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

އެ މުޒަހަރާގެ ބައިވެރިންގެ މަރާ ގުޅިގެން މުބާރަކްގެ މައްޗަށް ދައުވާކޮށް، 2012 ވަނަ އަހަރު އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. ނަމަވެސް 2017 ވަނަ މިސްރުގެ އެންމެ މަތީ އިސްތިއުނާފު ކޯޓުން ވަނީ އެހުކުމް ބާތިލުކޮށްފަ އެވެ.

މީގެ އިތުރުން މުބާރަކް އާއި ދެ ދަރިކަލުންގެ މައްޗަށް 2014 ވަނަ އަހަރު ދައުލަތުގެ އެތައް މިލިއަން ޑޮލަރަށް ޚިޔާނަތްތެރިވި ކަމުގެ ދައުވާ ސާބިތުވި އެވެ. އަދި މުބާރަކް ތިން އަހަރަށް ޖަލަށް ލުމަށާއި ދެ ދަރިކަލުން ހަތަރު އަހަރަށް ޖަލަށް ލުމަށް އޭރު ހުކުމް ކުރި އެވެ. ނަމަވެސް މުބާރަކްގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ދައުވާތައް ސާބިތު ނުވާ ކަމަށް ހަމަ އެ އަހަރު ގާހިރާގެ ކްރިމިނަލް ކޯޓުން ނިންމި އެވެ. އަދި 2015 ވަނަ އަހަރު މުބާރަކްގެ ދެ ދަރިކަލުން ވަނީ ޖަލުން ދޫކޮށްލާފަ އެވެ.

މުބާރަކް ޖަލު ހުކުމް ތަންފީޒު ކުރެއްވި އިރު ގިނަ ދުވަސްތައް ހޭދަ ކުރެއްވީ ހޮސްޕިޓަލުގަ އެވެ. އަދި އޭނާ ދާދި ފަހުން ސާޖަރީ އެއް ހެއްދެވި ކަމަށް ދަރިފުޅު އަލާ މުބާރަކް ވިދާޅުވި ނަމަވެސް، މުބާރަކްގެ އާލާސްކަންފުޅާ ބެހޭ ގޮތުން އެ އާއިލާއިން އިތުރު މައުލޫމާތު ހާމަކޮށްފައި ނުވެ އެވެ.

މުބާރަކް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ތަކުރާރުކޮށް ދޮގު ކުރައްވާފަ އެވެ. އަދި ތާރީހުގައި އޭނާގެ ނަން ލިޔެވިގެންދާނީ "އަމިއްލަ އެދުމެއް ނެތި ގައުމަށް ހިދުމަތް ކުރި، ގައުމު ދެކެ ލޯބިވާ" ބޭފުޅެއްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.