ރޮހިންގާ މުސްލިމުންގެ ހައްގުގައި ބައިނަލްއަގުވާމީ ކޯޓުގައި ރާއްޖެއިން އަޑުއުފުލާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި މިއަދު ޝާހިދު ވިދާޅުވީ މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންގާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނާނެކަމަށެވެ.

ޝާހިދު ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ ދިފާޢުގައި ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށެވެ. އަދި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ނިކުންނަން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ކެބިނެޓަށް ފެނިވަޑައިގަންނަވާކަމަށާއި، އަވަސް މުސްތަގުބަލެއްގައި ރާއްޖެއިން ރޮހިންޔާ މުސްލިމުންގެ ދިފާއުގައި އެކޯޓަށް ލިޔުން ހުށަހަޅާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ މައްސަލަ ކޯޓަށް ގެންދިޔަ ކަމަށްޓަކައި، ގެމްބިއާ ސަރުކާރަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ރޮހިންޔާ މުސްލިމުންގެ ހިމާޔަތުގައި ހުށަހެޅި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ "ގަތުލުއާއްމު"ން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މިޔަންމާއަށް އަމުރުކޮށްފައެވެ. ނަވާރަ ސަތޭކާ ސާޅީސް އަށްވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނަށް ފެތޭ، އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ދީފައިވާކަމަށް އެ މައްސަލަ ބެއްލެވި 17 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލުން ވަނީ ނިންމާފައެވެ.

އެ އެންގުމަކީ އެމައްސަލައިގެ ފުރަތަމަ ފިޔަވަޅެވެ. ކޯޓުގެ ނިންމުމުގައިވާ ގޮތުން ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް މިޔަންމާއިން އަޅާ ފިޔަވަޅުތަކުގެ ރިޕޯޓެއް ހަތަރު މަސްދުވަހުގެ ތެރޭގައި އެކޯޓަށް ހުށަހަޅަން ޖެހެއެވެ. އަދި އޭގެ ފަހުން މައްސަލަ އެއްކޮށް ކޯޓުގައި ނިމެންދެން ކޮންމެ ހަ މަހަކުން ހަ މަހަކުން އެފަދަ ރިޕޯޓެއް ކޯޓަށް ހުށަހަޅަން ޖެހެއެވެ.

އެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވާނީ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް އާމާލް ކްލޫނީއެވެ.

މިފަހަރުގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައިވެސް މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ. ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ ރައްޔިތުން، ހާއްސަކޮށް ކުޑަކުދިންނާ އަންހެނުން އުޅެމުންދާ ހާލާއި މެދު ރާއްޖެއިން ކަންބޮޑުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީނަށް ލިބިފައިވާ ހައްގަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަމަށާއި، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖްތަމައުން ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންސާނީ ހައްގުތައް ރާއްޖެއިން މިހާރު ހާސިލްކޮށްފައިވާ ކަންތައްތަކަށްވުރެ އިތުރު ކަންތައްތައް ހާސިލްކުރުމަށް ބައިނަލްއަގުވާމީ ދުނިޔެއާއެކު މަސައްކަތްކުރަން ތައްޔާރަށް ހުރި ކަމަށެވެ.