ޗައިނާގެ ވުހާއިން ފެތުރެންފެށި ކޮވިޑް- 19 މިހާރު ވަނީ އެގައުމު ފަހަނައަޅާ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެން ފަށައިފައެވެ. އެކަމާ ގުޅިގެ ސަރުކާރުންވެސް މިހާރު ވަނީ ރައްކާތެރިކަމުގެ އެކި ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

އެގޮތުން ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންއަށް ރާއްޖޭގެ ދޮރޯށިތައް ވަގުތީ ގޮތުން ބަންދުކުރިީ އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ކްރޫސް ލައިނާތަކާއި ބަލި ފެތުރެންފެށި އެހެން ބައެއް ގައުމުތަކުންވެސް މީހުން އައުން ވަނީ ކޮންޓްރޯލްކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮރާނޯ ވައިރަސްއަށް އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ. އެކަން އެޗްޕީއޭއިންވެސް ކަށަވަރުކޮށްދެއެވެ. ނަމަވެސް ބަލި ފެތުރެމުންދާ ދިއުން ނުހުއްޓޭތީ ދިވެހިންގެވެސް ކަންބޮޑުވުންތައް ކުރިއެކޭ އެއްގޮތަށް އޮތީއެވެ.

" ރާއްޖެއަށް ކޮރޯނާ ވައިރަސް ނާންނަނީ ކީއްވެތަ؟ ވަރަށް އުނދަގޫ އެކަން ގަބޫލްކުރަން." ޓުވިޓާގައި ދިވެއްސަކު ބުނެފައިވެއެވެ.

ތެެދެކެވެ. މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން ރާއްޖެއަށް އަންނަ އިރުވެސް ކޮވިޑް-19 ހަމަ ނުފެންނަނީ ހެއްޔެވެ؟ ހާއްސަކޮށް އިޓަލީ އަދި ޖަރުމަނުވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދެގައުމު ކަމަށްވެފައި ކޮވިޑް އައުން ރާއްޖެއަށް އައުން ވަރަށް ގާތް ކަމަށް ފެނެއެވެ.

ނަމަވެސް މައްސަލައަކީ އެއްވެސް ހަގީގަތަކަށް ބެލުމެއް ނެތި ޒިންމާދާރުކަން ކުޑަކޮށް ދޮގު ހަބަރު ފަތުރާތީއެވެ. އެގޮތުން ރޭވެސް ބ. އަތޮޅުގައި އޮންނަ ހޮސްޕިޓަލެއް ކަމަށްވާ ސޮނެވާފުށީގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިއަކު ކޮވިޑް-19 ޖެހިފަިއވާ ކަމަށް އަޑުފެތުރުނެވެ. ނަމަވެސް އެކަން ބ. އަތޮޅު ހޮސްޕިޓަލްއިން ވަނީ ދޮގުކޮށްފައެވެ. ތުހުމަތުތައް އަމާޒުވި ފަތުުރުވެރިންވެސް ފަހުން ވަނީ ރިސޯޓަށް އަނބުރާގޮސްފައެވެ.

" ދެން ފަހަރަކުން ރާއްޖޭގައި ކޮރޯނާ ވައިރަސް އުޅެޔޭ ކިޔާފައި ވައިބާ މެެސެޖެއް ލިިބިއްޖިއްޔާ ޝެއާކުރާނަން ޓުވީޓާގައި. މިފަދަ ސީރިއަސް ވާހަކަތައް ދައްކާ މީހުން އެމީހުން އަމިއްލައަށް ޒިންމާ ނަގަންޖެހޭނެ. އެއްޗެއް ޝެއާ ކުރާއިރު އެކަން އެބަ ޖެހޭ ތެދުދޮގުވެސް ބަލަން" ޓުވިޓާގައި މީހަކު ބުނެފައިވެއެވެ.

ކޮވިޑް-19 ގައި މިހާތަނަށް އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީހުންނާއި ލޭމައްޗަށްދާ މީހުންނާއި ހަކުރު ބައްޔާއި ނޭވާލުމުގައި އެކި މައްސަލަތައް ހުންނަ މީހުންނެވެ. ޒިންމާދާރުކަން ކުޑަކޮށް ދޮގު ބުހުތާނު ތޯތޯ ވާހަކަ ދައްކާނަމަ އޭގެ ގެއްލުން ކިތަންމެ ހާވެސް ބޮޑެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެއެވެ.

ކޮވިޑް-19 ގެ ބިރުވެރިކަމާއެކު ރާއްޖެއިން އެފަދަ ބަލި މީހުން ފެނުނަސް ސަރުކާރުން އެކަން ސިއްރުކުރާކަމުގެ ތުހުމަތުވެސް ކުރެއެވެ. ދިވެހިންގެ ފުރާނައަށް ވުރެ މިގައުމަށް ވަންނަ ޑޮލަރު މުހިންމުތޯވެސް ބައެއް މީހުން ދަނީ ސުވާލުކުރަމުންނެވެ. އޭގެ ސަބަަކަށް އިޓަލީ ޖަރުމަަން ފަދަ ގައުމުތަކުން ފަތުރުވެރިން ރާއްޖެ އައުން އަދިވެސް މަނާ ނުކުރާ މައްސަލަ ހުއްޖަތަަކަށް ދައްކައެވެ.

" ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރޭއިރުވެސް ނުވާކަމަށް ހަދަައި މައުލޫމާތު ހިފަހައްޓައިގެން ތިބޭނެ. އެއީ މައުލޫމާތު ފެތުރުމަކީ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުން" އެހެން މީހަކު ޓުވިޓާގައި ބުނެފައިވެއެެވެ.

ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކޮންމެ ދުވަހަކުވެސް ދަނީ މީހުންގެ ކަންބޮޑުވުންތައް އަހައި ޖަވާބުތައް ދެމުންނެވެ. ޝައްކާ ވަހުމުގައި ތިބި މީހުންނަށް އެޗްޕީއޭއިން ދޭ ޖަވާބަކީ މިއެވެ. ރާއްޖެއިން ކޮވިޑް-19 ފެނިއްްޖެނަމަ އެކަން ވަގުތުން ރައްުޔިތުންނަށް އަންގާނެއެވެ. އެކަން ސިއްރުކުރަން އެއްގޮތަކަށްވެސް މަސައްކަތެއް ނުކުރާނެއެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލްގެ މޭނޭޖިން ޑިރެކްޓަރު އަފްއާލް މުހައްމަދު "ސަން" އަށް ވިދާޅުވީ ދަތުރުފަތުރުގެ ގޮތުން ރާއްޖެ ބޭރުގެ އެކި ގައުމުތަކާ ގުޅިފައި އޮންނައިރު ކޮވިޑް-19 އައުމުގެ ފުރުސަތު ރާއްޖެއަށް ވަރަށް ބޮޑު ކަމަށެވެ.

" އަޅުގަނޑުމެންނަށް ސީދާ ނޭނގޭނެ ބުނާކަށް ދޮއްތޯ ކޮވިޑް-19 ގެ ބަލިމީހަކު ޜާއްޖޭގައި ނެތޭ. އެއީ އެބަލީގެ އަލާމާތެއް ނެތިވެސް އެތައް ދުވަހަު އެބަތިބޭ. އެހެންވީމާ އަޅުގަނޑުމެންނަސް ސީދާ ނޭނގޭ ހުރި ކަމެއްވެސް ނެތް ކަމެއްވެސް. އެހެން ނަމަވެސް އާންމުން އެބަ ޖެހޭ ތޯތޯ ސޯސަސްތަކުން މައުލޫމާތު ހޯދުމުގެ ބަދަލުގައި ސައްހި އިދާރާތާކުން މައުލޫމާތު ހޯދަން އެބަޖެހޭ" އައްފާލް ވިދާޅުވިއެވެ.

ކޮވީޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިވުމަށް ވާން ޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އެބަލި ހުރި މީހަކު ފެނިއްޖެނަމަ މާލެ ކައިރީގައި އޮންނަ ފުނަދޫގައި ކަރަންޓީނު ކުރަން ވަނީ ނިންމައިފައެވެ. ޗައިނާފަދަ ގައުމުތަކުން ރާއްޖެއައި ބައެއް ދިވެހިންވެސް ކަރަންޓީނު ކުރިއެވެ.

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާއިރު އެޗްޕީއޭއިން ދަނީ އާންމުންވެސް ބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމުންނެވެ. އެގޮތުން ކޮންމެހެން މުހިންމު ކަމެއް ޖެހިގެން ނުނީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުމަށާއި ކެއްސާ ކިނބިހި އަޅާއިރު މާސްކުއަޅައި އަދި ގަވައިދުން އަތްދޮވެ ސާފުތާހިރުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ބާއްވަން ނިންމާފައިވާ ބައެއް ބޮޑެތި ހަރަކާތްތައްވެސް މިހާރު ވަނީ ފަސްކޮށްފައެވެ. ކޮވިޑް ބަލި ދުނިޔޭގެ އެކިކަންކޮޅުތަކުން 90،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފަިއވާއިރު 3000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.