06 Mar 2020, 00:59
ދުނިޔޭގައި މިހާރު ހަލުވިކަމައެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ގިނަ ގައުމުތަކަށް ފެނިފައިވާތީ، ރާއްޖެއިން ވެސް އެ ބަލި ފެނުމުގެ ބިރު އެބައޮތް ކަމަށާއި ނަމަވެސް ތަރައްގީގެ މަޝްރޫރުތައް މަޑު ޖައްސާލުމުގެ ވިިސްނުމެއް ނެތް ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިރޭ ދަރުބާރުގޭގައި ރ. އަތޮޅު އެމްޑީޕީ ކައުންސިލް އިންތިހާބު ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައިސް ސޯލިހް ވިދާޅުވީ، ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްޖެއިންވެސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި އިގްތިސާދަށް އަންނާނެ ލޮޮޅޫންތަކުގެ ސަބަބުން ހަރަދުތައް ކުޑަ ކުރަން ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މުޅި ދުނިޔެއަށް ފެތުރެމުން މިދާ ކޮރޯނާ ވައިރަސްގެ އަސަރު އޮތީ ރާއްޖެއާ ހިސާބަށްވެސް ގާތުގައި. ރާއްޖެއަށް ނައިސް ނުދާނޭ އަޅުގަނޑުމެން އެކަކަށްވެސް ނެތް ބުނެވާކަށް. 80 އަށްވުރެ ގިނަ ގައުމުގައި މިހާރު އެބައޮތް. އެހެން ކަމުން އެ ވައިރަސް ރާއްޖެއަށް އަތުވެދޭނެ ކަމަށްޓަކައި އަޅުގަނޑުމެން މިދަނީ ކުރަން ޖެހޭ ކަންކަން ކުރަމުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިގް މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ
ރައީސް ވިދާޅުވީ، ހަރަދުތައް ކުޑަ ކުރަން ނިންމި ނަމަވެސް، ތައްރައްގީގެ މަސައްކަތްތައް ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"ދައުލަތުގެ ހަރަދުތައްވެސް ކުޑަ މިދަނީ ކުރަމުން. އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، ރަށްރަށުގެ ތަރައްގީއަށްޓަކައި މިއަހަރު ޕްލޭން ކުރެވިފައި ހުރި އެއްވެސް މަސައްކަތެއް ފަސްޖައްސާނުލާ ކުރިއަށް ދިޔުން. އުންމީދަކީވެސް އެއީ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއާއި އިރާނާ ދެމެދު ކުރާ ދަތުރުތައް މެދުކަނޑަލާފަ އެވެ. އަދި ޗައިނާއަށް 14 ދުވަސް ތެރޭ އެތެރެރެވެފައިވާ މީހުންވެސް ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފަ އެވެ. އަދި ކުރޫޒްލައިންތައް ވެސް މިވަގުތައް އައުން ވަނީ ހުއްޓާލާފަ އެވެ. އެއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް ލޮޅުންތަކެއް ދަނީ އަންނަމުންނެވެ.
އާންމުވެފައި ހުރި ނުރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުވެސް ޓޫރިސްޓުން އައިވަރު ވަނީ 24 ޕަސެންޓް ދަށްވެފަ އެވެ. އަދި ދައުލަތުގެ އާމްދަނީއިން ވެސް ވަނީ 782.2 މިލިއަން ރުފިޔާ މަދުވެފަ އެވެ.
ޗައިނާގެ ވޫހާން ސިޓީން ފެނި މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ފެނިފައިވާ ކޮރޯނާ ވައިރަސް 97،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި، 3،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ 54،000 އެވެ. އާންމުގޮތެގައި ބަލިޖެހިގެން މަރުވަނީ، އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ އެހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމް ބަލި މީހުންނެވެ.
މިހާތަނަށް މި ބައްޔަށް ރާއްޖޭގައި އެއްވެސް މީހަކު ޕޮޒިޓީވް ވެފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ބައްޔަށް ޝައްކު ކުރެވިގެން ބައެއް މީހުން ޓެސްޓު ހެދި ނަމަވެސް އެ އެންމެން ވަނީ ބައްޔަށް ނެގަޓިވް ވެފައެވެ. އަދި އިޓަލީއިން ރާއްޖެ އައި ދިވެއްސަކު މިހާރުވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ.