ކޮރޯނާ ވައިރަސް ޖެހިފައިވާ ދެ މީހަކު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުމާއި ގުޅިގެން އެ ރިސޯޓުން އަމަލު ކުރަމުންދަނީ ސިއްހީ ވުޒާރާތަކުން އަންގާ އެންގުންތަކާ އެއްގޮތަށް ކަމަށާއި ރިސޯޓު ލޮކްޑައުންގައި އޮތް ނަމަވެސް، ރިސޯޓުގައި ތިބި ފަތުރުވެރިންނާއި މުވައްޒަފުންނަށް ބޭނުންވާނެ ޒަރޫރީ ތަކެތި އެބަހުރި ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ އެންމެ ބޮޑު އިސްކަމެއްދެނީ މުވައްޒަފުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

އެ ރިސޯޓުން ބައްޔަށް ޕޮޒިޓިވް ވި ދެ މީހަކު ފެނުމާއެކު ސިއްހީ ވުޒާރާތަކުގެ އެންގުމާ އެއްގޮތަށް ރަށުގައި ތިބި އެއްވެސް ފަތުރުވެރިއަކު އަދި މުވައްޒަފަކުވެސް ރަށުން ނުފައިބާނެ ކަމަށް ކުރެއްދޫ އިން ބުންޏެވެ.

އެ ރިސޯޓުން ބުނީ ކަރަންޓީނު މުއްދަތުން ރަށް ވީއްލެންދެން ކުރެއްދޫ އަށް އެއްވެސް ފްލައިޓެއް ނުބާއްވާނެކަމަށެވެ.

"ރަށުގައި ތިބި މީހުންނަށް ބޭނުންވާ ވަރަށް ޒަރޫރީ ތަކެތި އެބަހުރި. ހުރިހާ މުވައްޒަފުންނާއި ފަތުރުވެރިންނަށް އެންމެ ރަނގަޅަށް އަޅާލުން ދެވޭނެކަމުގެ ޔަގީންކަން އަރުވަން،" ކުރެއްދޫ ރިސޯޓުން ބުންޏެވެ.

ކުރެއްދޫ އިން ބުނީ ރިސޯޓުގެ ހާލަތާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައިވެސް މައުލޫމާތު އާންމު ކުރާނެ ކަމަށެވެ.

ރާއްޖެއިން ކޮރޯނާއަށް ޕޮޒިޓިވްވި ދެމީހުން ކުރެއްދޫ އިން ފެނުމާއެކު އެ ރިސޯޓުގެ ލެވެލް ވަނީ އޮރެންޖަށް މަތިކޮށްފަ އެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުން ބަލި ފެނިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއަކު އެނބުރި ގައުމަށް ދިޔަފަހުން ބައްޔަށް ޕޮޒިޓިވްވިކަން އަންގާފައިވަނިކޮށެވެ.