ދުނިޔޭގެ 90އަށް ވުރެ ގިނަ ގައުމަށް މިހާރު އާ ކޮރޯނާވައިރަސް ފެތުރިފައިވާ އިރު، އެ ވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑް-19އަށް އަދި ވަކި ފަރުވާއެއްވެސް ވެކްސިނެއްވެސް ހޯދިފައި ނުވެ އެވެ. ނަމަވެސް އެ ވައިރަސް ޖެހުމުގެ ކުރިންނާއި ފަހުންވެސް ވައިރަހުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންކަމުގެ އެތައް މައުލޫމާތެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ސައްހަ ނޫން މައުލޫމާތުގެ ތެރޭގައި:

1.ލޮނުމެދު ކެއުމުން ވައިރަހުން ރައްކާތެރިކޮށްދޭނެ

ލޮނުމެދު ކެއުމަކީ ކޮރޯނާވައިރަސް ޖެހުމުން ދުރުކޮށްދޭނެ ކަމެއް ކަމަށް ބުނާ ގިނަ ޕޯސްޓުތަކެއް ފޭސްބުކުގައި ވަނީ މަޝްހޫރުވެފަ އެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި ލޮނުމެދަކީ ސިއްހަތަށް ފައިދާ ހުރި އެއްޗަކަށްވީ ނަމަވެސް، ލޮނުމެދު ކެއުމުގެ ސަބަބުން އާ ކޮރޯނާވައިރަހުން މީހުން ރައްކާތެރިކޮށްދޭ ކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެ އެވެ. އަދި ބައެއް ފަހަރު މިފަދަ އިރުޝާދުގެ ސަބަބުން މީހުންގެ ސިއްހަތަށް ނުރައްކާވާ ހިސާބަށް ވެސް ދެ އެވެ.

އެގޮތުން ސައުތު ޗައިނާ މޯނިން ޕޯސްޓުން ވަނީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ކަމަށް ބުނެ، ޗައިނާގެ އަންހެނަކު 1.5 ކިލޯގެ ލޮނުމެދު ކެއުމުން ކަރުތެރެ ވަރަށް ބޮޑަށް ދުޅަވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށް މިދިޔަ މަހު ރިޕޯޓުކޮށްފަ އެވެ.

2."ހޯމް މޭޑް" ހޭންޑް ސެނިޓައިޒާ

ކޮރޯނާވައިރަސް ފެތުރިފައިވާ ގައުމުތަކުގައި މާސްކާއި ސެނިޓައިޒާގެ ޑިމާންޑު ވަނީ ވަރަށް ބޮޑުވެފަ އެވެ. އޭގެ ސަބަބުން ބައެއް ގައުމުތަކުގައި ވަނީ މާސްކާއި ސެނެޓައިޒާ ވިއްކާ މިންވަރު މަދުކޮށްފަ އެވެ. އެހެންކަމުން ގޭގައި ސެނިޓައިޒާ ޖެލް އުފައްދާ ރެސިޕީތައް އިންޓަނެޓުން ހޯދާ މިންވަރު ވެސް ވަނީ މިހާރު އިތުރުވެފަ އެވެ.

ނަމަވެސް ސައިންސުވެރިން ވަނީ އެފަދަ ރެސިޕީތަކުން ގޭގައި ރަނގަޅު ސެނިޓައިޒާއެއް އުފެއްދުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފަ އެވެ. އަދި އާއްމުކޮށް ވިއްކާ، އަލްކަހޯލް ހުންނަ ހޭންޑް ޖެލް ހަދާފައި ވަނީ ހަންގަނޑު ހިކިވެ، ކުރަކިނުވާނެ ފަދަ މާއްދާތައް އެއްކޮށްގެން ކަމަށާއި ގޭގައި ހަދާ ސެނިޓައިޒާއަކީ ހަންގަނޑަށް ރަނގަޅު އެއްޗަކަށް ނުވެދާނެ ކަމަށް ބުނެފަ އެވެ.

ކޮރޯނާވައިރަސް ފެތުރުމުން ހޭންޑް ސެނިޓައިޒާ އަތް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ -- ފޮޓޯ: ގެޓީ

މީގެ އިތުރުން ގޭގައި ހުންނަ ތަކެތި ސާފު ކުރުމަށް ގޭގައި އާއްމުކޮށް ސާފު ކުރަން ބޭނުން ކުރާ ޑިސްއިންފެކްޓެންޓް ސްޕްރޭ އާއި ވައިޕްސް ކަމުދާނެ ކަމަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން(ސީޑީސީ)އިން ވަނީ ބުނެފަ އެވެ.

3.ކޮންމެ 15 މިނިޓަކު ފެން ބުއިން

ފޭސްބުކާއި އެހެނިހެން މެސެޖިން އެޕްތަކުގައި އެތައް ހާސް ބަޔަކު ހިއްސާކޮށްފައިވަ "ޖަޕާނުގެ ޑޮކްޓަރެއްގެ އިރުޝާދުގައި" ވަނީ ކޮރޯނާވައިރަސް އަނގައިން ހަށިގަނޑަށް ވާސިލުވެއްޖެ ނަމަ، އެވައިރަހުން ސަލާމަތްވުމަށް ކޮންމެ 15 މިނިޓަކު ފެން ބުއިމަށް ލަފާ ދީފަ އެވެ.

ނަމަވެސް ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ ޕްރޮފެސަރު ސެލީ ބްލޫމްފީލްޑް ވަނީ އެގޮތަށް އަމަލު ކުރުމުން ވައިރަހުން ސަލާމަތް ވާނެ ކަމުގެ އެއްވެސް ހެއްކެއް އަދި ފެނިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮރޯނާވައިރަސް ފެތުރެނީ އެ ވައިރަސް ހުންނަ މީހަކު ކެއްސާ ކިނބިހި އެޅުމުން ނުކުންނަ ދަވަތަކުގައި ހުންނަ ޖަރާސީމު އެހެންމީހެއްގެ ނޭފަތަށާއި އަނގަޔަށް ވާސިލުވުމުންނެވެ. އަދި ގިނަގިނައިން ފެން ބުއިމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއް ކަމަށްވީ ނަމަވެސް، އެއީ ވައިރަސް ޖެހުން ހުއްޓުވޭނެކަން ޔަގީންވާ ގޮތެއް ނޫނެވެ.

އެ ވައިރަހުން ރައްކާތެރިވުމަށް އަޅަންވީ އެންމެ މުހިއްމު ފިޔަވަޅުތަކަކީ ގިނަގިނައިން އަތް ދޮވެ، ސާފުތާހިރު ކަމަށް އިސްކަން ދިނުމާއި މޫނުގައި އަތްލުން މަދު ކުރުމެވެ.

6.ހޫނުވުމުން ކޮރޯނާވައިރަސް ފެތުރުން ހުއްޓޭނެ

ހަށިގަނޑުގެ ހޫނުމިނާއި މޫސުމުގެ ފިނި ހޫނުމިން އިތުރުވުމުން ވެސް ކޮރޯނާވައިރަސް މަރުވާ ކަމަށް ބުނެ ތަފާތު ވާހަކަތައް ދަނީ ސޯޝަލް މީޑިއާގައި ދެކެވެމުންނެވެ.

އެގޮތުން ޔުނިސެފުން ނެރުނު ކަމަށް ބުނާ ސައްހަ ނޫން ބަޔާނެއްގައި ވަނީ ހޫނު ފެން ބުއިމުންނާއި އަތްވަށް ނުކުމެ އުޅުމުން ވައިރަސް މަރުވާނެ ކަމަށް ބުނެފަ އެވެ. އަދި ވައިރަހުން ރައްކާތެރިވުމަށް އައިސް ކްރީމާ ދުރުވާން ޖެހޭ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ޔުނިސެފުން ވަނީ އެއީ އެޖަމްއިއްޔާއިން ނެރުނު ބަޔާނެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ޕްރޮފެސާ ބްލޫމްފީލްޑް ވިދާޅުވި ގޮތުގައި ހަށިގަނޑު ތެރެއަށް ވައިރަސް ވަނުމުން އެ ވައިރަސް ނައްތާލެވޭނީ ހަމައެކަނި ހަށިގަނޑުގެ ދިފާއީ ނިޒާމަށެވެ.

ޕްރޮފެސާ ބްލޫމްފީލްޑް ވިދާޅުވި ގޮތުގައި ހަށިގަނޑުން ބޭރުގައި ވައިރަސް މެރޭނީ ގާތްގަނޑަކަށް 60 ޑިގްރީސްއަށް ހޫނު މިން އެރުމުންނެވެ. އަދި ބެޑްޝީޓާއި ތުވާލި ފަދަ ތަކެތި ދޮންނަ އިރު އެހާވަރަށް ހޫނުކޮށްފައި ހުންނަ ފެން ބޭނުން ކުރުން ރަނގަޅު ނަމަވެސް، އެހާވަރަށް ހޫނު ފެނުން ފެންވެރުމަކީ ރަނގަޅު ގޮތެއް ނޫން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އެމެރިކާގެ ޑިއުކް ޔުނިވާސިޓީން ވަނީ އާއްމު ގޮތެއްގައި ފެންނަ ކޮރޯނާވައިރަސްތައް ހޫނު މޫސުމުގައި ފެތުރޭ މިންވަރު މަދުވި ނަމަވެސް، މިހާރު ފެތުރެނީ އާ ބާވަތެއްގެ ކޮރޯނާވައިރަހެއްކަމުން މި ވައިރަސް އަމަލު ކުރާނެ ގޮތެއް ޔަގީންކަމާ އެކު ނުބުނެވޭނެ ކަމަށް ބުނެފަ އެވެ.