ރާއްޖެއިން ކޮވިޑް19 ފެނުމާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާދޭ މީހުންނަށް ޒިޔާރަތްކުރާ ގަޑި މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

ބަލި މީހުންނަށް ޒިޔާރަތްކުރުމަކީ ބައިތިއްބައިގެން ފަރުވާދޭ ބަލިމީހުންނަށް ނުރައްކާވެދާނެ ކަމެއް ކަމަށް ފެންނާތީ އާއި އެންމެންގެ ރައްކާތެރިކަމަށްޓަކައި، ހޮސްޕިޓަލުގެ ސިއްހީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން، ބަލި މީހުންނަށް ޒިޔާރަތްކުރުން މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެހެން ނަމަވެސް ފާސް ލިބިފައިވާ ބަލިމީހާގެ އެހީތެރިޔާއަށް ބަލިމީހާއެކު މަޑުކުރެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.

ފާސް ލިބިފައިވާ މީހުންގެ އިތުރުން އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި، އެނޫން އެހެން ކަންކަމުގައި ވެސް ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް އައިޖީއެޗް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ދެމީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހުން ފަރުކޮޅުފުށީގައި ކަރަންޓީނުކޮށް ފަރުވާދެމުން އަންނަ އިރު، ރާއްޖޭގެ އެލާޓް ލެވެލް ވަނީ ޔެލޯއަށް މަތިކޮށްފައެވެ.