09 Mar 2020, 12:00
އެއާޕޯޓްގައި ހުންނަ ތާމަލް ކެމެރާތަކުގެ ސްކްރީން ކުރުމަށް ފަހު، ބައްޔަށް ޝައްކު ކުރެވޭ 37 މީހަކު ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލި ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސްގެ އެދުމުގެ މަތިން މިއަދު މަޖިލިސް ޖަލްސާގައި މިނިސްޓަރު އަމީން ވަނީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަފްސީލްކޮށް ބަޔާނެއް އިއްވާފަ އެވެ.
ވައިރަހާ ދެކޮޅަށް މިހާތަނަށް ކޮށްފައިވާ ބައެއް މަސައްކަތަކުގެ ތަފްސީލު ހާމަ ކުރައްވަމުން އަމީން ވިދާޅުވީ، މިދިޔަ މަހު އެކަކުން ފެށިގެން މިމަހު ހަތަކަށް ރާއްޖޭގެ ޕޯޓުތަކުން 204،649 މީހުން ސްކްރީން ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 617 މީހަކާ ވަކިން ސުވާލު ކުރި ކަމަށް އަމީން ވިދާޅުވި އެވެ.
"އެކެއް ފެބުރުއަރީން ފެށިގެން މިއަދާ ހަމައަށް 37 ފަރާތެއް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ފޮނުވާލެވުނު،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، 81،000 ވުރެ ގިނަ މީހުންނަށް ހޭލުންތެރިކުރުމުގެ ގޮތުން ސީދާ މައުލޫމަތު ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި މިހާތަނަށް 2،233 ފަރާތެއް މައުލޫމާތު ހޯދުމަށް ކޯލް ސެންޓަރު ބޭނުންކޮށްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ، ދުނިޔޭގައި ކޮރޯނާގެ ނުރައްކާ ފެތުރެން ފެށުމާއެކު އެކަމާ ގުޅިގެން އެންމެ ފުރަތަމަ މަސައްކަތްތައް ފެށި ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނޭ ކަމަށާއި މި ސަރަހައްދުގެ ގިނަ ގައުމުތަކުންވެސް ބަލި ފެނިފައިވާއިރު، ބަލި ރާއްޖެއިން ފެނުމުގައި ލަސްވެގެން ދިޔައީ ދުރާލާ ފެށި މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
"މަސައްކަތުގެ އަމާޒު އެންމެ ފުރަތަމަ ފެށިގެން ދިޔައީ ރައްޔިތުންގެ ފުރާނައާއި ސިއްހަތު ސަލާމަތްކުރުން. ދެން ރާއްޖޭގެ އިގްތިސޯދާއި ގައުމަށް ކުރު މުސްތަގުބަލެއްގައި ކުރިމަތިވާނެ ގޮންޖެހުންތަކަށް ވިސްނަވައިގެން. ކަންކަން ނިންމުން،" އަމީން ވިދާޅުވި އެވެ.
އެ ނިންމުންތައް ނިންމިގެން ދިޔައީ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ކަމާ ބެހޭ ފަރާތްތައް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކުގެ ލަފައާއި އިރުޝާދުގެ މަތިން ކަމަށް އަމީން ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި 10 މީހުން ކަރަންޓީން ކޮށްފައިވާއިރު، ހަތަރު މީހަކު ވަނީ ބަޔަށް ޕޮޒިވްވެފަ އެވެ.