އެގާރަ ގްރެމީ، އެވޯޑް ހޯދާފައިވާ މަޝްހޫރު ލަވަ ކިޔުންތެރިޔާ ލޭޑީ ގާގާ ގެ ކުރިޔަށް އޮތް އަލްބަމް "ކްރޮމޭޓިކާ" އަންނަ އެޕްރިލް މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރަން ނިންމައިފި އެވެ.

އެ އަލްބަމް އަކީ އޭނާ ނެރޭ ހަތަރު ވަނަ އަލްބަމް ކަން ފާހަގަކޮށްލެވެ އެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ގެ "ކްރޮމޭޓިކާ" ރިލީޒްކުރަން ނިންމާފައިވަނީ ސްޓްރީމްލައިނާއި އިންޓަސްކޯޕް ރިކޯޑްސްއާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަވެފައިވީ ނަމަވެސް އެ އަލްބަމްގައި ހިމެނެނީ ކިތައް ލަވަ ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

"ކްރޮމޭޓިކާ" ގެ ވީޑިއޯ ލަވައެއް މިހާރު ވަނީ ޔޫޓިއުބްގައި އާންމުކޮށްފަ އެވެ. ޔޫޓިއުބްގައި އާންމުކޮށްފައިވާ "ސްޓްޕިޑް ލަވް" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މަދު ދުވަސް ކޮޅެއްގެ ތެރޭގައި 35.1 މިލިއަނަށްވުރެއް ގިނަ މީހުން ވަނީ އެ ލަވަ ބަލާފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މިހާރު ދަނީ އަލްބަމް ނެރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންނެވެ. އެ އަލްބަމް ޕްރޮމޯޓްކުރުމުގެ ގޮތުން ކްރޮމޭޓިކާ ބޯލް ޓުއާގެ ނަމުގައި ހަ ކޮންސެޓެއް ހިމެނޭ ޓުއާއެއް ވެސް ޖުލައި މަހު ފަށަން ވަނީ ނިންމައިފަ އެވެ. އަދި ޖުލައި 24 ގައި ފްރާންސުން ފަށާ ޓުއާ ނިންމާލާނީ އޮގަސްޓް 19 ގައި އެމެރިކާ އިންނެވެ.

އުމުރުން 30 އަހަރުގެ ލޭޑީ ގާގާ އެންމެ ފުރަތަމަ ނެރުނު އަލްބަމް އަކީ 2008 ވަނަ އަހަރު ނެރުނު "ދަ ފޭމް" އެވެ. އެ އަލްބަމްގެ ލަވަ ތަކަކީ ވެސް ބެލުންތެރިންގެ ބޮޑު ސަމާލު ކަމެއް ދަމައިގަތް ލަވަ ތަކަކެވެ.

އޭނާ އެންމެ ފަހުން ނެރެފައި ވަނީ "ޖޮއާން" އަލްބަމް އެވެ. އެ އަލްބަމް އަކީ 2016 ވަނަ އަހަރު ރިލީޒްކުރި އަލްބަމް އެކެވެ.