10 Mar 2020, 10:53
އަބޫ ދާބީ (މާޗް 10): ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ސައިބޯންޏާއި ސެނިޓައިޒާގެ އަގު ބޮޑު ކުރާ ވިޔަފާރިވެރިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު އެގައުމުގެ އިކޮނޮމިކް މިނިސްޓްރީން ދީފި އެވެ.
ޔޫއޭއީގެ އިކޮނޮމިކް މިނިސްޓްރީން އެ ފިޔަވަޅު އަޅަން ނިންމީ އެގައުމުގައި ކޮރޯނާވައިރަސް ފެތުރިފައިވާ މި ދަނޑިވަޅުގައި ބައެއް ސަރަހައްދުތަކުގައި ސައިބޯންޏާއި ސެނިޓައިޒާ ފަދަ ސާފުތާހިރުވާން ބޭނުން ކުރާ ތަކެތީގެ އަގު، ބައެއް މީހުން ބޮޑު ކުރަމުންދާ ކަމުގެ ޝަކުވާތައް ލިބުމުންނެވެ.
އެކަން ހުއްޓުވަންމ އެގައުމުން ވަނީ އެފަދަ ތަކެތީގެ އަގު ބޮޑު ކުރާ މީހުން 5،000 ދިރުހަމް (21،098 ރުފިޔާ، 1361 ޑޮލަރު) އާއި 100،000 ދިރުހަމާ (421،975 ރުފިޔާ، 27،224 ޑޮލަރު) ދެމެދުގެ އަގަކުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ވަނީ އެފަދަ ތަކެތި ވިއްކުމުގައި މީހުން ގާވައިދުތަކާ އެއްގޮތަށް އަމަލު ކުރޭތޯ މިނިސްޓްރީން ބަލަމުންދާނެ ކަމަށާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ ކަމާ ބެހޭ ފަރާތްތަކަށް އަންގަން އެދިފަ އެވެ. އަދި ގަވާއިދާ ހިލާފުވާ ވިޔަފާރިތައް ވަގުތީ ގޮތުން ބަންދު ކުރަން ޖެހިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ޔޫއޭއީގައި މިހާތަނަށް 59 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 12 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެ އެވެ.
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުން ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހަތަރު ހަފްތާ ވަންދެން ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށްފަ އެވެ. އަދި 7،000 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާ އީރާނަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ.
މުޅި ދުނިޔޭގައި މިހާތަނަށް 114 ގައުމަކާއި ހުރިހާ ބައްރަކަށް ފެތުރިފައިވާ ކޮރޯނާވައިރަހަށް 113،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 4،009 މީހަކު ވަނީ މަރުވެފަ އެވެ. އަދި 63,821 މީހަކު ވަނީ އެބަލިން ރަނގަޅުވެސް ވެފަ އެވެ.