ކޮވިޑް-19އަށް ޝައްކު ކުރެވިގެން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ބިދޭސީއަކު ކަރަންޓީނުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ ވަން އެންޑް އޮންލީ ރީތި ރަށުން ކޮވިޑް-19 ވައިރަހަށް ޝައްކު ކުރެވޭ ބިދޭސީއަކު ފެނިގެން އެ މީހާ ކަރަންޓީނުކޮށް، ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަަށެވެ.

އޭގެ އިތުރުން އެ ރިސޯޓަށް އަރައި ފޭބުންވެސް މި ވަގުތަށް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއީ ކޮވިޑް-19އަށް ޝައްކު ކުރެވޭ މީހަކު ފެނިގެން އަރައި ފޭބުން ހުއްޓުވާފައިވާ ފަސް ވަނަ ރިސޯޓެވެ. އެ ރިސޯޓުގެ އިތުރުން ޅ. ކުރެއްދޫ ރިސޯޓާއި އދ. ވިލަމެންދޫ އައިލެންޑް ރިސޯޓާއި، އއ. ކުރަތަމި އައިލެންޑު ރިސޯޓާއި، އއ. ސޭންޑީސް ބަތަލާ ރިސޯޓަށްވެސް އަރައި ފޭބުން ވަނީ ހުއްޓުވައިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ވައިރަހަށް 71 މީހަކު ޓެސްޓްކޮށްފައިވާއިރު ޕޮޒިޓިވްވެފައި ވަނީ ހަ މީހުންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ހަަތަރު މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހެކެވެ. ވިލަމެންދޫ އަދި ކުރަމަތި މިއިން ކޮންމެ ރިސޯޓަކުން ފެނިފައި ވަނީ ބައްޔަށް ޝައްކު ކުރެވޭ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީވެސް ބިދޭސީންނެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.