ކޮވިޑް19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ ފަތުރުވެރިއަކު ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ހާއްސަ ކްރިޓިކަލް ކެއާ ޔުނިޓަށް ބަދަލުކުރަން ނިންމައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވެގެން ސޭންޑީސް ބަތަލާ ރިސޯޓުން ކަރަންޓީނުކުރި ދެމަފިރިންގެ ތެރެއިން އެކަކުގެ ހާލު ގާތުން މޮނިޓާ ކުރަން ޖެހޭތީ އެ ދެމަފިރިން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ދެމަފިރިންވެސް ކަރަންޓީނުކޮށްފައި ތިބީ ފަރުކޮޅުފުށީގައެވެ.

އޭނާއަކީ 70 އަހަރުގެ މީހެއް ކަމަށާއި، އޭނާއަކީ އުމުރުން ދޮށީ މީހެއް ކަމުން ޑޮކްޓަރުން ލަފާ ދެއްވީ އޭނާ ގާތުން ބެލުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމީ ކަމަށާއި އެއީ ދެމަފިރިންގެ ތެރެއިން އެކަކު ކަމަށް ވުމުން، ދެ މީހުންވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ ފެސިލިޓީއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"ދަރުމަވަންތަ ހޮސްޕިޓަލުގެ ކްރިޓިކަލް ކެއާ ފެސިލިޓީއަށް ބަދަލުކުރެވުނު ކަމުގައިވިޔަސް މި ބަލި މީހުންނަކީ މިހާތަނަށްވެސް ކްލިނިކަލީ ސްޓޭބަލް ބަލި މީހުންތަކެއް. އެހެންނަމަވެސް، ބަލި މީހާގެ މި ދަންނަވާ އުމުރުން ދުވަސްވުމާ މިކަހަލަ ކަންތައްތަކަށް ބަލާފައި އަޅުގަނޑުމެން ނިންމީ މިއީ ތަންކޮޅެއް ކްލޯސްކޮށް މޮނިޓާ ކުރެވޭނެ ބަލި މީހުން ކަމަށް،" މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއާޒް މޫސާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވި ގޮތުގައި އެ ދެމަފިރިން ބަދަލު ކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ފެސިލިޓީއަށެވެ. ޑީއެޗް11 ފެސިލިޓީ އަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ މައްސަލަތައް ގާތުން މޮނިޓާ ކުރެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފެސިލިޓީއެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އެތަނަށް ވަންނާނީ އެހެން ބަލި މީހުން ވަންނަ ދޮރު ނޫން އެހެން ހާއްސަ ދޮރަކުން ކަމަށާއި ބަލި މީހާ ގެންދާނީވެސް އާންމުންނާއި ހޮސްޕިޓަލުގެ ބައެއް ސްޓާފުންނަށްވެސް ބޭނުން ނުކުރެވޭނެ ލިފްޓަކުން ކަމަށާއި އެއް ތަނުން އަނެއް ތަނަށް ގެންދާނީވެސް އާންމުންނަށް ބައެއް ސްޓާފުންނަށް ނުވަދެވޭނެ ގޮތަށް ކަމަށް ޑރ. މުއާޒް މޫސާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ ހަ މީހުންނެވެ. އެއީ ޅ. ކުރެއްދޫއިން ހަތަރު މީހަކާއި، ބަތަލާއިން ޕޮޒިޓިވްވި ދެމަފިރިންނެވެ.

ވައިރަހަށް ޝައްކު ކުރެވޭ މީހުން ފެނިގެން، ކުރެއްދޫއާއި ބަތަލާގެ އިތުރުން، ކ. ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓާއި، އއ. ކުރަމަތި ރިސޯޓާއި، އދ. ވިލަމެންދޫ އައިލެންޑް ރިސޯޓު ވަނީ ލޮކްޑައުންކޮށްފައެވެ.