11 Mar 2020, 15:35
ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ރިވިޝަން ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފި އެވެ.
ރިވިޝަން ސާޖަރީއަކީ ކުރީގައި ކަކުލުހުޅު ބަދަލުކުރުމަށް ލައްވާފައިވާ އާޓިފިޝަލް ހުޅެއް އާ ހުޅަކަށް ބަދަލުކުރުމަށް ޓަކައި ކުރެވޭ އޮޕަރޭޝަނެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެ އޮޕަރޭޝަން ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މިއީ މިވައްތަރުގެ އޮޕަރޭޝަނެއް އެ ހޮސްޕިޓަލްގައި ވެސް އަދި ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ވެސް ކުރި ފުރަތަމަ ފަހަރު ކަމަށެވެ.
ސާޖަރީއާ ގުޅޭ ގޮތުން މައުލޫމާތު ދެމުން އެ ހޮސްޕިޓަލުން ބުނީ އޮޕަރޭޝަން ކޮށްފައި ވަނީ 61 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާގެ ކަކުލުހުޅު ބަދަލުކުރުމަށް އާޓިފިޝަލް ހުޅެއް ލައްވާފައި ވަނީ މީގެ އަށް އަހަރު ކުރިން ކަމަށެވެ.
އަދި ލައްވާފައި އިން ހުޅު ދޫވުމާ ގުޅިގެން އެކި އެކި އުނދަގޫތަކާ ކުރިމަތިލާން ޖެހި، މައްސަލަ ރަނގަޅުކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރަށް ދެއްކެ އިރު އޭނާއަށް ނުހިނގޭތާ ހަ މަސް ދުވަސް ވެފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
އަންހެން މީހާގެ ހުޅު ބަދަލުކޮށްފައި ވަނީ 11 ގަޑިއިރުގެ ކާމިޔާބު ސާޖަރީއަކަށް ފަހު އެވެ.
އެ ސާޖަރީގައި ބައިވެރިވެފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޮޕީޑިކް ސާރޖަނުންކަމަށްވާ ޑރ. އަލީ މުޒްނީ އާއި ޑރ. ގަނޭޝް ރާޖޭޝްވަރް އެވެ. އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އެނެސްތެޓިސްޓުންނާއި ނަރުހުންގެ ޓީމަކުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި އޯތޮޕީޑިކް ސްޕެޝަލިސްޓުންގެ ގޮތުގައި ހިދުމަތްދެއްވާ ޑޮކްޓަރުންނަކީ އެފަދަ އޮޕަރޭޝަންތައް ކުރުމުގައި ތަޖުރިބާކާރު، އިލްމުވެރި މާހިރުން ކަމަށެވެ.