11 Mar 2020, 13:06
ކޮލަމްބޯ (މާޗް 11): ސްރީލަންކާގައި ފުރަތަމަ ފަހަރަށް އެގައުމުގެ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.
ލަންކާގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސެސް ޑރ. އަނިލް ޖަސިންހަ ވިދާޅުވި ގޮތުގައި ރޭ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 52 އަހަރުގެ ޓުއާ ގައިޑެކެވެ. އަދި އޭނާ ވަނީ އިޓަލީގެ ޓުއާ ގުރޫޕަކާ އެކު ދާދި ފަހުން މަސައްކަތްކޮށްފަ އެވެ.
ޑރ. ޖަސިންހަ ވިދާޅުވި ގޮތުގައި އެ މީހާ ވަނީ މިހާރު އެގައުމުގެ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލުގައި ކަރަންޓީނުކޮށް، ފަރުވާ ދޭން ފަށާފަ އެވެ. އަދި އެ މީހާއާ އެކު ޓުއާ ކުރި އިޓަލީގެ ފަތުރުވެރިން ދިޔަ ތަންތަން ހޯދާ، އެމީހުންނާ ކޮންޓެކްޓުވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ޖަސިންހަ ވިދާޅުވި އެވެ.
ލަންކާގައި ކޮރޯނާވައިރަހަށް ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ޖެނުއަރީ މަހު އެގައުމަށް ދިޔަ ޗައިނާގެ 43 އަހަރުގެ އަންހެކެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށް ފަހު، ބަލި ރަނގަޅުވުމުން އޭނާ ވަނީ މިދިޔަ މަހު އަނބުރާ ގައުމަށް ގޮސްފަ އެވެ.
ލަންކާއިން ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާ އާއި ސައުދީ އަރަބިއާއަށް ކުރާ ދަތުރުތައް ހުއްޓާލުމާއި އިޓަލީ އާއި ދެކުނު ކޮރެއާ އާއި އީރާނުން ދާ މީހުން 14 ދުވަހަށް ކަރަންޓީނު ކުރުން ހިމެނެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 115 ގައުމަކާއި ޓެރިޓަރީއަށް ފެތުރި، 119،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ބަލި ޖެހިގެން 4،284 މީހަކު މަރުވެފައިވާ އިރު 65،000އަށް ވުރެ ގިނަ މީހުންގެ ބަލި ވަނީ ރަނގަޅުވެފަ އެވެ.