12 Mar 2020, 15:25
މުޅި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.
އެކަން އިއުލާން ކުރެއްވީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ކޮރޯނާވައިރަސް އެމެޖެންސީ ރެސްޕޮންސް ސެންޓަރުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ދެއްވި ނޫސްވެރިންގެ ބައްދަލުވުމަގަ އެވެ.
އެކަން އިއުލާން ކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި މި އިއުލާން ކުރީ، "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ ހާލަތު މުޅި ރާއްޖެއަށް އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރެވޭނީ އާންމު ސިއްހަތައް ނުރައްކާވާފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޑިރެކްޓާ ޖެނަރަލަށް ފެނިއްޖެ ހިނދެއްގައި އެކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން މިނިސްޓަރަށް ލަފާދޭ ޖެހޭ ހާލަތުގަ އެވެ.
"އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ސިއްހަތާއި ބެހޭ ވަޒީރަށް މަތިކޮށްފައިވާ މައްސޫލިއްޔަތުގެ ދަށުން ދިވެހިރާއްޖޭގެ އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އޮތްކަމަށް އަޅުގަނޑު މިއަދު ކަނޑައަޅައިފިން،" އަމީން ވިދާޅުވި އެވެ.
އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތަކަކީ؛
ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުން.
- މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން.
- ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެއުޅުމާއި ދިޔުން މަނާކުރުމުގެ އަމުރު ނެރުން.
- ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރުކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުން.
- ސަބަބު ބަޔާން ކޮށްދިނުމަށްފަހު މީހެއްގެ އިމާރާތެއް އެއީ ކަރަންޓީނު ކުރުމުގެ މަރުކަޒެއްގެ ގޮތުގައި ހަމަޖެއްސުމުގެ ބާރު ވަޒީރަށް ލިބޭނެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ވަގުތު ރާއްޖެއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ، ކޮރޯނާވައިރަހަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން އިއުލާންކޮށްފައި ވުމާއި ރާއްޖެއާ ކައިރި ސަރަހައްދުތަކުގައި އަދި ދުނިޔޭގައި ވެސް އެ ވައިރަސް ފެތުރެމުންދާ ގޮތަށް ބެލުމަށް ފަހު ،ރާއްޖޭގައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅޭނީ އެގޮތަށް ކަމަށް ވާތީ ކަމަށެވެ.
"ސަރުކާރުން މިހާރު ވެސް މިދަނީ ދުވަހުން ދުވަހަށް އަޅަންޖެހޭ މުހިންމި ފިޔަވަޅުތައް އަޅަމުން. އަޅުގަނޑުމެން އަދިވެސް އުންމީދުކުރަނީ އަޅުގަނޑުމެން އަދިވެސް މަސައްކަތް ކުރަނީ ދިވެހިރާއްޖެއިން މިބަލި ފެތުރެގެން ދިއުން ކޮންޓްރޯލް ކުރުން އެއީ އަޅުގަނޑުމެން އަސާސީ އިސްވާޖިބެއް ކަމަށް ދެކިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
މިއީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފުރަތަމަ ފަހަރެވެ. އެއާއި އެކު ހެލްތް މިނިސްޓަރު އަމީން ވަނީ ދިވެހި ހުރިހާ ރައްޔިތުން ވެސް ސަރުކާރުން ދެމުންދާ ސިއްހީ އިރުޝާދުތަކަށް ބޯލެބުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި އެއްބަޔަކު އަނެއްބަޔަކު ހާސްވާ ކަމެއް ނުކުރުމާއި ރައްޔިތުން 'ޕެނިކް' ވާފަދަ ކަމެއް ނުކުރުށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.