އއ. ބަތަލާ ރިސޯޓުން ކޮރޯނާއަށް ޕޮޒިޓިވް ވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ އިޓަލީ ފަތުރުވެރިޔާގެ ހާލު ދަށް ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19 އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ އިޓަލީ އަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ އެ ފަތުރުވެރިޔގެ އޮކްސިޖަން ނުހިފަހައްޓާ ކަމަށާއި އޭނާ އަށް ބޭނުންވާ އޮކްސިޖަން ދޭންޖެހޭ ކަމަށެވެ.

"އޭނަ އަށް އޮކްސިޖަން ދީގެން އޭނާގެ ހަށިގަނޑުގައި މިވަގުތު އޮކްސިޖަން ހިފެހެއްޓެނީ. އެހެން ނަމަވެސް އެއަށްވުރެ އިތުރަކަށް އޭނަ ގޯހެއް ނުވޭ. އެހެން ކަންތައްތައް ހުރީ ރަނގަޅަށް،" ޑރ މުރާދު ވިދާޅުވިއެވެ.

އއ. ބަތަލާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އެ ފަތުރުވެރިޔާ ކޮވިޑް 19 އަށް ޕޮޒިޓިވް ވުމުން ކަރަންޓީނު ކުރުމަށްފަހު އޭނާގެ އުމުރަށް ބަލާ އިތުރަށް ފަރުވާ ދޭންޖެހިދާނެތީ ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޔުނިޓަށް ވަނީ ބަދަލުކޮށްފައެވެ. އޭނާ އާއެކު އޭނާގެ އަނބިމީހާވެސް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު އަންހެން މީހާވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އުމުރުން 70 އަހަރުގެ ފަތުރުވެރިޔާގެ ހާލާ ގުޅޭގޮތުން ޑރ. މުރާދު މިރޭ ވިދާޅުވީ އޭނާގެ ގައިން ހުމުގެ އަަސަރު މިހާރު ނުފެންނަ ކަމަށާއި ނަމަވެސް ހާލު އިތުރަށް ގޯސްވެދާނެ ކަމަށް ބަލާ އޭނާގެ ހާލު ގާތުން ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށްވެސް ސީީދާ މި ބަލީގައި ވާގޮތްތައް ނޭނގޭތީ އޭނާ ރަނގަޅު ވެޔެކޭ އަޅުގަނޑު ނުއެއް ބުނާނަން،" ޑރ. ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ އުއްމީދަކީ އެ ފަތުރުވެރިޔާގެ ހާލު ކުރިއަށް އޮތްތަނުގައި ރަނގަޅު ވުން ކަމަށެވެ.

"ބަލީގެ ގޮތުން ކުރިންވެސް އަންދާޒާ ކުރެވުނު އެނާގެ ހާލު ގޯސް ވެދާނެ ކަމަށް. އެހެންވީމާ މޮނީޓާ ކުރެވެމުން މިދަނީ. އޭނާގެ އިތުރު ކަމެއް މިސާލަކަށް ވެލްޓިލޭޓަރަކަށް ލާންޖެހޭ ހާލަތަކަށް ނުއެއް ދޭ،" ޑރ. ވިދާޅުވިއެވެ.