އަވައްޓެރި ސްރީލަންކާއިން ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އަށް އަށް މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

އެގައުމުގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް ސާވިސް ޑރ. އަނިލް ޖަސިންހައާ ހަވާލާދެއްވައި، ޑެއިލީ މިރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ވައިރަހަށް ޕޮޒިޓިވްވި ތިން މީހުންނާއެކު ޕޮޒިޓިވްވި މީހުންގެ އަދަދު އަށަކަށް އަރާފަ އެވެ.

އިއްޔެވެސް އެގައުމުން ވަނީ ވައިރަހަށް ތިން މީހަކު ޕޮޒިޓިވްވެފަ އެވެ. ލަންކާގައި ކޮރޯނާވައިރަހަށް ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ޖެނުއަރީ މަހު އެގައުމަށް ދިޔަ ޗައިނާގެ 43 އަހަރުގެ އަންހެކެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށް ފަހު، ބަލި ރަނގަޅުވުމުން އޭނާ ވަނީ މިދިޔަ މަހު އަނބުރާ ގައުމަށް ގޮސްފަ އެވެ. އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އެގައުމުގެ 52 އަހަރުގެ ޓުއާ ގައިޑަކު ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.

ލަންކާއިން މިއަދު ވަނީ ކުރިއަށް އޮތް، 14 ދުވަސް ތެރޭ ބޮޑެތި އެއްވުންތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި އެ ގައުމުގެ ބޮޑެތި ޒޫތައްވެސް މިއަދު ވަނީ މާދަމާއިން ފެށިގެން 14 ދުވަހަށް ބަންދުކޮށްފަ އެވެ. އެގޭ ތެރޭގައި ދިވެހިން ގިނަ އަދަދަކަށް ދިރުއުޅޭ ދެހިވަލައިގައި ހުންނަށް ދެހިވަލަ ޒޫވެސް ހިމެނެ އެވެ.

ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާ އާއި ސައުދީ އަރަބިއާއަށް ކުރާ ދަތުރުތައް ހުއްޓާލުމާއި އިޓަލީ އާއި ދެކުނު ކޮރެއާ އާއި އީރާނުން ދާ މީހުން 14 ދުވަހަށް ކަރަންޓީނު ކުރުން ހިމެނެ އެވެ. އަދި އެގައުުމުން އޮންއެރައިވަލް ވިސާ ދިނުންވެސް ވަނީ ހުއްޓާލައިފަ އެވެ. އޭގެ އިތުރުން އަންނަ މަހުގެ 20އާ ހަމައަށް ސްކޫލްތައް ވެސް އެގައުމުން ވަނީ ބަންދުކޮށްފަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު، އެންމެ ގިނަ މީހުން އަދި ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އިންޑީއާ އިންނެވެ. އެގައުމުން 84 މީހަކު ޕޮޒިޓިވް ދެ މީހަކު ވަނީ މަރުވެފަ އެވެ. ޕާކިސްތާނުން 30 މީހަކު ޕޮޒިޓިވްވި އިރު، ބަންގްލަދޭޝް އިން ވަނީ ތިން މީހަކު ޕޮޒިޓވްވެފަ އެވެ. ރާއްޖެ އާއި އަފްގާނިސްތާނުން ޕޮޒިޓްވި މީހުންގެ އަދަދަކީ 10 އެވެ. ނޭޕާލް އަދި ބޫޓާނުން އަދި މިހާތަނަށް ފެނުނީ އެއް ކޭސް އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 149 ގައުމަކާއި ޓެރިޓަރީއަށް ފެތުރި، 149,552 މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ވައިރަސް ޖެހިގެން 5,604 މީހަކު މަރުވެފައިވާ އިރު 73,700 އަށް ވުރެ ގިނަ މީހުން އެ ބަލިން ވަނީ ރަނގަޅުވެފަ އެވެ.