ސްޕެއިން އިން މިއަދު އައި ދިވެއްސެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތަކެއް ފެނިގެން އޭނާ އެކަހެރިކޮށް އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެމީހާގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސްޕެއިންގައި މިހާރު ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން އަންނަ އިރު، އެ ގައުމުން މިހާތަނަށް 7,700 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އަދި 280 އަށްވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ސްޕެއިންގައި ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނާތީ އެ ގައުމު އޮތީ ލޮކްޑައުންގައެވެ. އަދި އެ ގައުމުން ރާއްޖެއަށް ފަތުރުވެރިން އައުން ވެސް ވަނީ މަނާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް އަށް ގައުމަކުން މީހުން އައުން ވަނީ މަނާކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އެންމެ ފުރަތަމަ ބަލި ފެތުރުނު ޗައިނާ އާއި، މިހާރު ބާރަށް ބަލި ފެތުރެމުން އަންނަ އިޓަލީ އާއި، އިރާންއާއި ކޮރެއާގެ ދެ ސަރައްހަދަކާއި، ބަންގްލަދޭޝްގެ އިތުރުން ސްޕެއިން އާއި ޖަރުމަނު ވިލާތާއި ފަރަންސޭސި ވިލާތެވެ.

ފްރާންސުން މީހުން އައުން މަނާކުރީ ދެ ސަރަހައްދަކުންނެވެ. އެއީ އެގައުމުގެ ދެ އެޑްމިނިސްޓްރޭޓިވް ރީޖަން ކަމުގައިވާ މެދުތެރޭގެ އިލް ޑޮ ފްރޮންސް (ޕެރިސް ރީޖަން)އާއި އިރު އުތުރުގެ ގްރޯންޑް އެސްޓް ރީޖަންއެވެ.

ޖަރުމަނުން މީހުން މަނާކުރީ ތިން ސްޓޭޓަކުންނެވެ. އެއީ ބެވޭރިއާ، ނޯތު ރައިން-ވެސްޓްފޭލިއާ އަދި ބެޑެން-ވަރޓެމްބާގެވެ. ޖަރުމަނުގެ ބައެއް ބޮޑެތި ސިޓީތައްވެސް މި ސްޓޭޓުތަކުގައި ހިމެނެއެވެ. އެގޮތުން ނޯތު ރައިން-ވެސްޓްފޭލިއާ ސްޓޭޓުގައި ކޮލޯން ސިޓީ، ޑުސެލްޑޯފް ސިޓީ އަދި ޑޯޓްމުންޑް ސިޓީ ހިމެނެއެވެ. އަދި ޖަރުމަނުގެ ސިޓީއެއް ކަމުގައިވާ މިއުނިކް ހިމެނެނީ ބެވޭރިއާ ސްޓޭޓުގައެވެ.

ފަތުރުވެރިން އައުން މަނާކޮށްފައި ވީނަމަވެސް، އެގައުމުތަކުގައި ތިބި ދިވެހީންނަށް ރާއްޖެ އާދެވޭނެއެވެ.