ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ޖެންޑާ މިނިސްޓަރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި 68 މެމްބަރުންގެ އިއްތިފާގުންނެވެ. އާއިޝަތު ދީދީއަށް ރުހުން ދިނުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ޖެންޑާ މިނިސްޓަރު ކަމަށް އާއިޝާ ހަމަޖެއްސެވީ އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން އާއިޝަތު މުހައްމަދު ދީދީއަކީ ހުންނެވީ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގަ އެވެ.

އާއިޝާ 1982 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ހަމައަށް މަސައްކަތްކުރެއްވީ ތައުލީމީ ދާއިރާގަ އެވެ. މަޖީދިއްޔާ ސްކޫލުގެ ސައިންސް މުދައްރިސެއްގެ ވަޒީފާއިން ހިދުމަތް ފެއްޓެވި އާއިޝާ، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި އިންސްޓިޓިއުޓް ފޯރ ޓީޗާ އެޑިއުކޭޝަންގައިވެސް މަސައްކަތްކުރެއްވި އެވެ. އެއަށްފަހު ޔުނިޓް ޓު ޕްރޮޓެކްޓް ރައިޓްސް އޮފް ޗިލްރެންގެ ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރެއްވި އިރު، ޔުނިސެފްގެ ރާއްޖޭގެ އޮފީހުގައިވެސް މަސައްކަތްކުރެއްވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 2005 ވަނަ އަހަރުން ފެށިގެން އެ ސަރުކާރު 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިމެންދެން ޖެންޑާ މިނިސްޓަރުކަން އާއިޝާ ދީދީ ކުރެއްވި އެވެ. އެއަށްފަހު ތައުލީމީ ދާއިރާއާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކާ ބެހޭ ކޮންސަލްޓަންޓެއްގެ ގޮތުގައި އޭނާ މަސައްކަތްކުރެއްވި އެވެ.

ސެޕްޓެމްބަރު 2010 އިން ފެށިގެން ވިލާ ކޮލެޖުގެ އެކި މަގާމުތައް އާއިޝާ ފުރުއްވި އިރު، އެ ކޮލެޖުގައި އެންމެ ފަހުން އަދާކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު (އެކެޑެމިކް)ގެ މަގާމެވެ.

ސައިކޮލޮޖީއިން ޑިގްރީ ފާސް އަދި ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހޯއްދަވާފައިވާ އާއިޝާ ވަނީ ޔޫއެން އާއި ޔުނިސެފް ފަދަ ޖަމިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް މީގެ ކުރިން ކުރައްވާފަ އެވެ.

ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ވިލާ ކޮލެޖުގެ އެކެޑެމިކް ސެނެޓު މެމްބަރުކަމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބޯޑު މެމްބަރުކަމާއި ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ މެމްބަރުކަން ފަދަ މަގާމުތައް އަދާކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބޭރު ގައުމަކަށް ކަނޑައެޅުއްވި އެންމެ ފުރަތަމަ ސަފީރަކީ އާއިޝާ ދީދީ އެވެ. އަދި އިންޑިއާއަށް ރާއްޖެއިން ކަނޑައެޅި ފުރަތަމަ އަންހެން ސަފީރެވެ.