ކައުންސިލް އިންތިހާބު ފަސް ކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅީ ކޮން ވިސްނުމެއްގައިތޯ ސާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީއިން ފާސް ކޮށްފި އެވެ.

މިއަދު މެންދުރު އޮތް މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ވިދާޅުވީ، އިންތިހާބު ފަސް ކުރަން ސުޕްރީމް ކޯޓަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށެވެ. އަދި ކައުންސިލު އިންތިހާބު ފަސް ކުރަން އެންމެ ރަނގަޅު ގޮތަކީ، ރައްޔިތުންގެ މަޖިލީހުން ކަމާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކަމަށް ގިނަ މެމްބަރުން ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް ކޮރޯނާވައިރަސްއާ ގުޅިގެން އޭޕްރީލް 18 އަށް އިންތިހާބު ފަސްކުރަން އީސީއިން ވަނީ ނިންމައިފައެވެ. އެ ތާރީހަކީ ގާނޫނީ ގޮތުން އިންތިހާބު ފަސްކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ އެންމެ ފަހުގެ ތާރީހެވެ.

ނަމަވެސް ހެލްތް ޕޮރޮޓެކްޝަން އެޖެންސީން ރާއްޖޭގެ ސިއްހީ ހާލަތު އާންމު ހާލަތަކަށް އައިސްފި ކަމަށް އިއުލާން ކުރާ ދުވަހުން ފެށިގެން އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ލޯކަލް ކައުންސިލް އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ. ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސް، މިހާރު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

އިންތިހާބު ފަސް ކުރަން އެންމެ ރަނގަޅު ގޮތަކީ ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކަމަށް ގަބޫލު ކުރެވުނަސް، އީސީއިން މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ކޮން ވިސްނުމެއްގައިތޯ ސާފު ކުރުން މުހިންމުކަން މިއަދު ކޮމިޓީގައި ބައެއް މެމްބަރުން ފާހަގަކުރެއްވި އެވެ.

ކޮމިޓީގެ މުގައްރިރު ރޮޒެއިނާ ނިންމެވީ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން އީސީގެ ރައީސް އަހުމަދު ޝަރީފަށް ގުޅުވައިގެން އީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރު ކުރެވޭތޯ ބެލުމަށެވެ. އެހެންނަމަވެސް، ޝަރީފަށް ނުގުޅުމުން އޭނާ އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމަށް ގުޅުއްވައި، މިއަދު ހަވީރު 4:00އަށް އީސީ ހާޒިރުވާން އެދުނެވެ.

އެންމެ ފުރަތަމަ ހަމަޖެހުނީ އެގޮތަށެވެ. އެހެންނަމަވެސް، އީސީގެ ރައީސް ޝަރީފަށް ގުޅޭ ގޮތެއް އަކުރަމްއަށްވެސް ނުވުމުންނާއި، އީސީއަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން އެ ކޮމިޝަން މިރޭ 8:30އަށް ހާޒިރު ކުރަން މެމްބަރުން މަޝްވަރާ ކުރެއްވި އެވެ. ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެގޮތަށް ހުށަހެޅުއްވުމުން އެ ހުށަހެޅުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ތާއިދު ކުރެއްވި އެވެ. އަދި މެމްބަރުންގެ އަގުލަބިއްޔަތުން އެގޮތަށް ފާސްވިއެވެ.

އިންތިހާބު ފަސްކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެން ވިޔަސް، ކައުންސިލްތަކުގެ ދައުރު އިތުރުކުރުމަކީ ކޯޓަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ގާނޫނުގައި ލިޔެވިގެންވާ ކަމެކެވެ. މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާއިރު، ޖޫން ތިން ވަނަ ދުވަހު، މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވާނެއެވެ.

ބައެއް މެމްބަރުން ދެކެވަޑައިގަންނަވަނީ އެންމެ ރަނގަޅު ގޮތަކީ ކޮރޯނާ ވައިރަސްގެ ހާލަތު ނިމެންދެން ކައުންސިލުތަކުގެ ދައުރު އިތުރުވެގެންދާ، އަދި އެ ހާލަތު ނިމުމުން އުވިގެންދާ ފަދަ އިސްލާހެއް ގާނޫނަށް ގެނައުން ކަމަށެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ވިޝާމް މިއަދު ކޮމިޓީގައި ވިދާޅުވީ، ކައުންސިލުތަކުގެ ދައުރުގެ މުއްދަތު އިތުރު ކުރާނަމަ އާންމު އިންތިހާބުތަކުގެ ގާނޫނުގެ އިތުރުން ގާނޫނު އަސާސީއަށްވެސް އިސްލާހު ގެންގަން ޖެހޭނެކަ ކަމަށެވެ. އެއީ ކައުންސިލުތަކުގެ ދައުރުގެ ވާހަކަ ގާނޫނު އަސާސީގައިވެސް އޮތުމުންނެވެ. އެހެންކަމުން އެި މައްސަލައަކީ އެންމެ ގާނޫނަކަށް ކުޑަކުޑަ އިސްލާހެއް ގެނެސްގެން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް މިއަދު މަޖިލީހުގައި ވިދާޅުވީ، އިންތިހާބު ފަސް ކުރުމުގެ މައްސަލައަށް ފަރުވާއެއް ހޯދޭނީ މަޖިލީހަށް ކަމަށާއި ސުޕްރީމް ކޯޓަށް ނޫން ކަމަށެވެ.