ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓްރެވަލް އޭޖެންސީ މޯލްޑިވިއަން ހޮލިޑޭޒް އޮފީސް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ.

މޯލްޑިވިއަންއިން ބުނީ ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރު ބަންދުކުރަން އިއުލާނު ކުރުމާއެކު މާޗު 19އިން ފެށިގެން މާޗް 26 ވަނަ ދުވަހާ ހަމައަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

މާދަމާއިން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް މޯލްޑިވިއަން ހޮލިޑޭޒްގެ އޮފީސް ބަންދުކުރި ނަމަވެސް ޓިކެޓިން ހިދުމަތްތައް ފޯންކޯލު މެދުވެރިކޮށް ހަމަޖައްސައިދެވޭނެ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ.

އާސަންދަ ޓިކެޓިން ހިދުމަތް ހޯދަން ގުޅަން ޖެހޭނީ 7920401 އަށެވެ. އަދި 7915588އަށް ގުޅާލުމުން އެހެނިހެން އެއާލައިން ޓިކެޓިން ހިދުމަތްތައް ލިބޭނެ އެވެ.

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް ބުކިން ހެއްދުމުގައި އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން މިދިޔަ މަހު އެ އެއާލައިނުން ވަނީ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފައެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ހެއްދުމުގެ އިތުރުން ފްލައިޓް ޝެޑިއުލްއާއި ބެގެޖު އެލަވަންސް ބަލައިލުން ފަދަ ހިދުމަތްތައް ވެސް ހޯދޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.