20 Mar 2020, 00:34
އައިލެންޑް ސަފާރީ-1އިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ދެ ބިދޭސީންގެ ތެރެއިން އެކަކު ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްޕީއޭއިން ބުނީ އޭނާ ޑީއެޗް-11އަށް ބަދަލުކުރަން ނިންމީ އިތުރަށް ހާލަތު ބަލައި، މޮނީޓަރު ކުރުމަށްޓަކައި ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ފެސިލިޓީ އަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ މައްސަލަތައް ގާތުން މޮނިޓާ ކުރެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފެސިލިޓީއެކެވެ.
އެތަނަށް ވަންނާނީ އެހެން ބަލި މީހުން ވަންނަ ދޮރު ނޫން އެހެން ހާއްސަ ދޮރަކުންނެވެ. އަދި ބަލި މީހާ ގެންދާނީވެސް އާންމުންނާއި ހޮސްޕިޓަލުގެ ބައެއް ސްޓާފުންނަށްވެސް ބޭނުން ނުކުރެވޭނެ ލިފްޓަކުންނެވެ.
ރާއްޖެއިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެފަހުން 14 ދުވަސްވެފައިވާ އިރު، ރިސޯޓުތަކާއި ސަފާރީތަކުން މިހާތަނަށް 13 މީހަކު އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.