21 Mar 2020, 11:05
އަލީބާބާގެ ކުރީގެ ޗެއާމަން އަދި ޗައިނާގެ ވިޔަފާރިވެރިޔާ ޖެކް މާ، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ގިނަ ގައުމުތަކަށް ގިނަ އަދަދަކަށް މާސްކާއި ކޮރޯނާވައިރަސް ޓެސްޓް ކިޓުތަކާއި ވެންޓިލޭޓަރާއި އެހެނިހެން އެމަޖެންސީ ސަޕްލައިސް ފޯރުކޮށްދޭން ނިންމައިފިއެވެ.
ކޮރޯނާވައިރަހާ ގުޅިގެން ގިނަ ފަރާތްތަކުން އެކި ގައުމުތަކަށް ތަފާތު ގޮތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ. އެގޮތުން ޖެކް މާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމާޖެންސީ ސަޕްލައިގެ ގޮތުން އޭޝިއާގެ ގައުމުތަކަށް ތަކެތި ހަދިޔާކުރާނެ ކަމަށެވެ.
އެތަކެތީގެ ތެރޭގައި 1.8 މިލިއަން މާސްކާއި 210،000 ޓެސްޓް ކިޓާއި 36،000 ޕްރޮޓެކްޓެކްޓިވް ސޫޓުގެ އިތުރުން ވެންޓިލޭޓާ އަދި ތާމޯމީޓާ ހިމެނޭކަމަށް ޖެކް މާ ވިދާޅުވިއެވެ.
ރާއްޖޭގެ އިތުރުން އެތަކެތި ހަދިޔާކުރާނެ ގައުމުތަކަކީ އަފްގާނިސްތާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ލައޯސް، މޮންގޯލިއާ، މިޔާންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.
އޭނާ ވިދާޅުވީ އެ ތަކެތި ގައުމުތަކަށް އަވަހަށް ފޯރުކޮށްދިނުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެތަކެތި ވީހާވެސް އަވަހަކަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޖެކް މާ ވަނީ ދެއްވާފައެވެ.
ޖެކް މާ ވަނީ ޗައިނާގެ މަޝްހޫރު އީކޮމާސް ގްރޫޕް ކަމަށްވާ އަލީ ބާބާއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ރަސްމީކޮށް އިސްތިއުފާ ދީފައެވެ.