މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން އާންމުން ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ރެޑްވޭވް އިން ހުޅުމާލޭގައި ޑެލިވަރީގެ ޚިދުމަތް ފަށައިފިއެވެ.

ރެޑްވޭވް އިން މިއަދު ފެށި އެ ޚިދުމަތުގެ ދަށުން ރެޑްވޭވް އިން ވިއްކާ ކާބޯތަކެއްޗާއި އާންމު ދިރިއުޅުމަށް ބޭނުންކުރާ މުދާ އޯޑަރުކުރުމުން ގެއަށް ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު ވިދާޅުވިއެވެ.

ޑެލިވަރީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ 100 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށެވެ.

އެ ޚިދުމަތުގެ ދަށުން މުދާ އޯޑަރު ކުރުމަށްޓަކައި ވައިބާ ކުރަންޖެހޭނީ 9165326 ނަންބަރަށެވެ.

ރެޑްވޭވްގެ ފިހާރައެއް--- ފޮޓޯ: ރެޑްވޭވް

އެ ނަންބަރަށް ފޮނުވާ މެސެޖުގައި ގަންނަން ބޭނުންވާ މުދަލާއި އެޑްރެސްގެ އިތުރުން ކަސްޓަމަރުގެ ނަމާއި ގުޅޭނެ ފޯނު ނަންބަރަކާއި ފައިސާ ދައްކާގޮތް ހިމަނަންވާނެއެވެ.

ޑެލިވަރީ ކޮށްދިނުމަށް ކަނޑައަޅާފައިވާ ވަގުތުތަކަކީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށެވެ.

ރެޑްވޭވް އިން ބުނީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށްޓަކައި މި ޚިދުމަތް މާލޭގައި ދެވޭނެ ގޮތްތަކެއް ވެސް ރާވަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް ރެޑްވޭވްގެ ވެބްސައިޓެއް ވެސް ތައާރަފް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އަޅުގަނޑުމެން ތިޔަބޭފުޅުންނަށްޓަކައި ޑެލިވަރީކޮށްދޭން މަގުތަކަށް ނިކުންނައިރު، ތިޔަބޭފުޅުން އަޅުގަނޑުމެންނަށްޓަކައި ގޭތެރޭގައި ތިއްބަވާ،" ރެޑްވޭވްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޝުޖާއު ވިދާޅުވިއެވެ.