23 Mar 2020, 19:21
މާލޭ ވޯޓާ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން މާލޭގެ ތިން ސަރަހައްދެއްގައި އަތް ދޮވެވޭނެހެން ސިންކުތަކެއް ބަހައްޓައިފި އެވެ.
މުޅި ދުނިޔޭގައިވެސް ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެއިންވެސް ފެނިފައިވާއިރު، އެ ބަލިން ރައްކާތެރިވުމަށް އަތްދޮވުން ގިނަ ކުރަން ޑޮކްޓަރުން ދަނީ ލަފާ ދެމުންނެވެ. އެއީ އެ ބަލި ފެތުރިޔަނުދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.
އެކަމާ ގުޅިގެން، އެމްޑަބްލިއުއެސްސީން ވަނީ މާލޭގައި އަތް ދޮންނަ ސިންކުތަކެއް ގާއިމްކޮށްފައެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ސިންކުތައް ގާއިމުކުރީ ލޯކަލް މާރުކޭޓު ސަރަހައްދާއި، މަސްމާރުކޭޓު ސަރަހައްދާއި ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައެވެ.
އެމްޑަބްލިއުއެސްސީއިން ބުނީ އެ ސިންކުތައް ގާއިމުކުރީ ގިނަ ގިނައިން އަތް ދޮންނަން މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.
މާލޭގެ އިތުރުން އެހެން ރަށްރަށުގައިވެސް އާންމު ތަންތަނުގައި އަތް ދޮންނަ ސިންކުތައް ކައުންސިލުތަކުންނާއި އާންމުން އިސްނަގައިގެން ބަހައްޓާފައިވެއެވެ.
ކޮރޯނާއިން ރައްކާތެރިވުމުގެ ގޮތުން މާލޭގެ ތިން ސަރަހައްދެއްގައި ސިންކު ބަހައްޓާފައިވާއިރު، މިއަދު ސިފައިން ވަނީ ކްލޮރިން ބޭނުންކޮށްގެން މާލޭގެ މަގުތައް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންްގޮސްފައެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާއަށް ޕޮޒިޓިވްވީ 13 މީހުންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފައެވެ. އެހެންނަމަވެސް، މިފަހުން ރާއްޖެ އައި ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ މަރުއާން ފެލެއިނީ އަނބުރާ ޗައިނާއަށް ދިޔަ ފަހުން އޭނާ ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި އޭނާއާ ކޮންޓެކްޓުވި ދެ މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނާތީ ޓެސްޓު ދަނީީ ކުރަމުންނެވެ. އަދި އެ ދެ މީހުން މާލޭގައި ދިރިއުޅޭ ދެ ގެ ވަނީ މޮނިޓަރިންއަށް ގެނެސްފައެވެ.