ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ފުޓުބޯޅަ ކުޅުންތެރިޔާ މަރުއާން ފެލައިނީއާ ކްލޯސް ކޮންޓެކްޓްވި އެމްއޭސީއެލްގެ ދެ ސްޓާފުންގެ ސާމްޕަލް ކޮރޯނާއަށް ނެގަޓިވްކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

މި މަހުގެ އަށް ވަނަ ދުވަހުން 12 ވަނަ ދުވަހަށް ރާއްޖެ އައި ފެލެއިނީ ރާއްޖޭގައި ހުރެފައި އަނބުރާ ޗައިނާއަށް ދިޔަ ފަހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ފެލެއިނީ ރާއްޖޭގައި ހުރީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައެވެ. އަދި އޭނާ ބައްޔަށް ޕޮޒިޓިވްވީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ފެލެއިނީ ޕޮޒިޓިވްވުމުން އޭނާއާ ޑައިރެކްޓު ކޮންޓެކްޓުވި އެމްއޭސީއެލްގެ ދެ ސްޓާފުން ހޯޑައި އެ ދެ މީހުން ވަނީ އައިސޮލޭޓުކޮށްފައެވެ. އެ ދެ މީހުން މާލޭގައި ދިރިއުޅޭ ދެ ގެވެސް މޮނިޓަރިންގެ ހާލަތަށްގެނައެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުުގައި ކޮރޯނާއާ ދެކޮޅަށް މަސައްކަތްކުރާ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން މައުލޫމާތުދެއްވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މަރުއާން ފެލައިނީއާ ކޮންޓެކްޓުވި އެ ދެ މީހުން ވައިރަހަށް ނެގަޓިވް ކަމަށް ޓެސްޓުން ދައްކާ ކަމަށެވެ. އެހެންކަމުން، އެ ދެ މީހުން ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ދެ މީހުން ދިރިއުޅޭ ގެ ވެސް މޮނީޓަރިން ހާލަތުން ނެގުމުގެ މަސައްކަތް ކުރާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވި ގޮތުގައި ފެލެއިނީ ރާއްޖެ އައީވެސް ރާއްޖެއިން ދިޔައީވެސް ދުބާއި މަގުން ކަމަށެވެ. އޭނާ ރާއްޖޭގައި ހުރި އިރު 20 މީހަކާ ޑައިރެކްޓު ކޮންޓެކްޓުވި ކަމަށް މަބްރޫކު ވިދާޅުވިއެވެ. އޭގެ ތެރޭގައި ނެގަޓިވްވި އެމްއޭސީއެލްގެ ދެ ސްޓާފުން ހިމެނެއެވެ. އޭނާއާ ކޮންޓެކްޓްވި 20 މީހުންގެ ތެރެއިން 15 މީހުންނަކީ އެމްއޭސީއެލްގެ ސްޓާފުންނެވެ. އަދި ބާކީ ފަސް މީހުންނަކީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ މުވައްޒަފުންނެވެ.

އެމްއޭސީއެލްގެ 15 މުވައްޒަފަކު ފެލެއިނީއާ ޑައިރެކްޓު ކޮންޓެކްޓުވެފައިވާއިރު، މިއަދު އެ ކުންފުނިން ވަނީ ފަސެންޖަރުންނާ އެކު މުވައްޒަފުން ފޮޓޯ ނެނުގުމަށް އަންގައިފައެވެ