ކޮރޯނާވައިރަސް ނުވަތަ ކޯވިޑް19 އަށް ޝައްކު ކުރެވިގެން ރަޝިއާ އިން އެކަހެރި ކުރި ތިން ދިވެހި ކިޔަވާކުދިންވެސް އެ ވައިރަހަށް ނެގެޓިވް ވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރަޝިއާއަށް ދިޔަ ދިވެހި ތިން ކުދިންގެ ފަރާތުން ކޮރޯނާއަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނުމުން އެ ގައުމުން ވަނީ އެ ކުދިން ކަރަންޓީން ކޮށްފައެވެ.

އޭގެ ތެރެއިން ދެ ކުއްޖެއްގެ ނަތީޖާ މީގެ ކުރިން ލިބުނު ނަމަވެސް ތިންވަނަ ކުއްޖާގެ ނަތީޖާ ލިބުމުގައި ލަސްތަކެއް އުޅޭކަމަށް ސަރުކާރުން ކުރިން ހާމަކުރިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ނަތީޖާ ނުލިބި އޮތް ދަރިވަރުވެސް ކޮރޯނާއަށް ނެގަޓިވް ކަމަށެވެ. އަދި ކުރިން ނަތީޖާ ލިބުނު ދެ ކުދިން މިހާރު "ޑަބަލް ނެގަޓިވް" ކަމަށްވެސް ވިދާޅުވިއެވެ.

އެއީ ރަޝިއާގައި މަތީ ތައުލީމް ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެކެވެ. އެ ކުދިން ކަރަންޓީންކުރިކަން ސަރުކާރުން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދަރިވަރުން އެންމެ ފުރަތަމަ ކަރަންޓީން ކުރީ ފަސް ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ދިހަ ދުވަހަށް އިތުރުުރިކަމަށް ހުކުރު ދުވަހު މަބްރޫކް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީއާއި ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީން އެ ތިން ދަރިވަރުންގެ ހާލު ބަލަމުން އަންނަކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.