30 Mar 2020, 13:07
ހުރިހާ އެންމެން ސޯޝަލް މީޑިއާ ފުރަމުން އެ ދަނީ އެއް ވީޑިއޯއަކުންނެވެ. ވައިބާ ގްރޫޕުތަކުގައި އަދި ފޭސްބުކް އާއި ޓްވިޓާގައިވެސް ދިވެހިންގެ ތެރޭގައި ޓްރެންޑު ވަމުން ދަނީ މިހާރު މި ވީޑިއޯ އެވެ. މި ވީޑިއޯއިން ފެންނަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ވެއްޓޭ ތަނެވެ. އެހެން ނަމަވެސް، އެމަނިކުފާނު މިފަހަރު ވެއްޓެނީ ކަހާލައިގެންނެވެ.
"ސްޓޭ އެޓް ހޯމް ޗެލެންޖް"ގައި ބައިވެރިވުމުގެ ގޮތުން، ރައީސް ނަޝީދު ޓޮއިލެޓް ޕޭޕާ ރޯލެއްގައި ޖެއްސެވުމަށް އުޅުއްވުމުގެ ތެރޭގައި ކަހާލައިގެން ވެއްޓެ އެވެ.
މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަން، ނުވަތަ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންނާއި ސަހުސިއްޔަތުން ފަށާފައިވާ، "ސްޓޭ އެޓް ހޯމް ޗެލެންޖު" އަކީ، ޓިޝޫ ރޯލު ވައްޓައި ނުލާ ކިކް ކުރުމަށްފަހު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމެވެ.
ރާއްޖޭގެ ސިޔާސީ ގިނަ ފަރާތްތަކުން ވާދަކުރަމުންދާ އެ ޗެލެންޖުގައި ބައިވެރިވެވޭނީ އެ ޗެލެންޖުގައި ވާދަކުރާ ފަރާތެއް އެހެން މީހަކު ނޯމިނޭޓްކުރުމުންނެވެ.
ދާދި ފަހުން އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ރައީސް ނަޝީދުވެސް ވަނީ އެ ޗެލެންޖުގައި ބައިވެރިވެވަޑައިންނަވާފަ އެވެ. އެ ވީޑިއޯ ފުރަތަމަ ހުޅުވާލާއިރު އެހެން ސްޓޭ އެޓް ހޯމް ޗެލެންޖުތަކާ ތަފާތެއް ނެތެވެ. ނަމަވެސް އިރުކޮޅެއްވެސް ނުވެ ދެން ފެނިގެންދަނީ ރައީސް ނަޝީދު ކަހާލަފައި ވެއްޓޭ މަންޒަރެވެ. ޖެހުނު ގޮތުން ހަމަގައިމުވެސް އެމަނިކުފާނަށް ތަދު އިހުސާސްވާނެ އެވެ. އެއާ، އެކު "އައުޗް" އޭ ވިދާޅުވާ ވެއްޓުނު ވަރަށް ވުރެ ބާރަށް ތެދުވެ އެމަނިކުފާނު ހިނގައިގަންނަތަން ފެނެ އެވެ.
އެއާއެކު އެތައް ބަޔަކު އެ ވީޑިއޯ މަޖާވެ، އެކި ގޮތްގޮތަށް ވިޑީއޯ އަންނަނީ ފަތުރަމުންނެވެ. ޒުވާނުންގެ މެދުގައި މޮޅެތި ކެޕްޝަން ޖަހައި މީމް މެޓީރިއަލް އަކަށް އެ ވީޑިއޯ މިހާރު ވަނީ ވެގެން ގޮސްފަ އެވެ.
ރައީސް ނަޝީދުގެ ސަޕޯޓަރުން އެ ވީޑިއޯ ނެގީ އެެހެން ވިސްނުމަކުންނެވެ. އެއީ ރައީސް ނަޝީދަށް ތައުރީފުކުރެއްވުމުގެ ގޮތުންނެވެ. ރައީސް ނަޝީދުގެ ސަޕޯޓަރުން ބުނަމުން ދަނީ، އެމަނިކުފާނު ވެއްޓުނު ވަރަށްވުރެ ބާރަށް ތެދުވެ ވަޑައިންނަވާނެ ވާހަކަ އެވެ. އެމަނިކުފާނު އަމަލާ ބަހާ ދިމާވާ ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ބުންޏެވެ.
އެ ވީޑިއޯއާ ގުޅޭ މާ ގިނަ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. އެ ވީޑިއޯ އާންމުކޮށްފައިވަނީ ރައީސް ނަޝީދެއް ނޫނެވެ. ރައީސް ނަޝީދު ސްޓޭ އެޓް ހޯމް ޗެލެންޖުގައި ބައިވެރިވެ ވަޑައިންނެވިއިރު އެ މަނިކުފާނު، ޗެލެންޖަށް އެކި ފަރާތްތަކުން ނޮމިނޭޓްކުރި އެވެ.
އެ ޗެލެންޖްގައި ބައިވެރިވެ ވަޑައިގަތް ބޭފުޅުންގެ ތެރޭގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޔޫތް މިނިސްޓަރު މަހުލޫފް އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ހިމެނެ އެވެ.
އެހެން ނަމަވެސް މި ޗެލެންޖަށް އާންމުންގެ ފަރާތުން ފާޑު ކިޔުން ވެސް ބޮޑެވެ. ބައެއް މީހުން ދެކޭ ގޮތުގައި މުޅި ދުނިޔެ އާއި ރާއްޖެ ބިރުވެރިކަމުގައި އޮތް އިރު، މަޖާކޮށް އުފާކޮށް ކުޅޭކުޅޭ ކަންކަން ކުރުމަކީ މި ހާލަތާ އެއްގޮތަކަށް ވެސް ގުޅޭ ކަމެއް ނޫނެވެ. އަދި ގައުމުގެ އިސް ބޭބޭފުޅުން މަޖާކޮށް ކުޅޭ ކުޅޭ ކަންކަމުގައި އުޅުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.