ސްރީލަންކާގެ ކަނޑުގެ ސިފައިން 65 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މިއީ މިހާތަަނަށް އެގައުމުން އެއްފަހަރާ އަތުލައިގަތް މަސްތުވާތަކެތީގެ ރިކޯޑް އަދަދެކެވެ.

ޗެނަލް ނިއުސް އޮފް އޭޝިއާ (ސީއެންއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިދިޔަ ބުދަ ދުވަހު ލަންކާގެ ދެކުނު ހުޅަނގުގެ ކަނޑުގެ ސަރައްދުގައި އޮތް ބޯޓަކުންނެވެ. އެ ބޯޓުން ޕާކިސްތާނަށް ނިސްބަތްވާ ނުވަ މީހަކު ހައްޔަރު ކުރި ކަމަށް ސީއެންއޭއިން ބުންޏެވެ.

ސްރީލަންކާގެ ނޭވީ ކޮމާންޑަރު ޕިޔަލް ޑީ ސިލްވާއާ ހަވާލާދީ، ސީއެންއޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާ ހެދުން ލައިގެން ތިބި ސިފައިން ބޯޓަށް އަރާ ޗެކްކުރި އިރު، އެ ބޯޓުން ކްރީސްޓަލް މެތް އާއި ކެޓަމިންގެ ޖުމްލަ 1184 ކިލޯގްރާމް ވަނީ ފެނިފަ އެވެ. އޭނާ ވިދާޅުވީ، މިއީ ލަންކާ އިން ކެޓަމިން އަތުލައިގަތް ފުރަތަމަ ފަހަރު ކަމަށާއި ބެެލެވޭ ގޮތުގައި އެ އުޅަނދު ދަތުރު ކުރީ، އިރުމަތީ އޭޝިއާގެ ގައުމަކާ ދިމާއަށެވެ.

އަތުލައިގެންފައިވަނީ، 605 ގްރާމްގެ ކްރީސްޓަލް މެތް އާއި 579 ކިލޯގްރާމްގެ ކެޓަމިން ކަމަށް ސީއެންއޭ އިން ރިޕޯޓުކޮށްފައިވެ އެވެ.

އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، ޖުމްލަ މަސްތުވާތަކެތީގެ މަގުމަތީ ބާޒާރުގެ އަގު 12،500 މިލިއަން ލަންކާ ރުޕީސް (65 މިލިއަން ޑޮލަރު) އަރާނެ އެވެ. އަދި މިއީ މިހާތަނަށް އެއްފަހާރާ މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފަހަރު ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ލަންކާއިން 65 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގަތްއިރު، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ވެސް ވަނީ އެގައުމުގެ ކަނޑުގެ ސަރައްހަދުން ދަތުރުކުރި ބޯޓަކުން 33 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.