ކޮވޮޑް-19 އަށް ޕޮޒިޓިވްވެ، ރަނގަޅުވި ދެ މީހަކު ދޫކޮށްލައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ސޭންޑީޒް ބަތަލާ ރިސޯޓުގައި ތިއްބާ ވައިރަސް އަށް ޕޮޒިޓިވްވި ދެ މީހުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.

"މިއަދު މި ވަނީ ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލުން ޑިސްޗާޖު ކުރެވިފައި. އެއީ ސޭންޑީޒް ބަތަލާގެ ކޭސް. މި ކޭސްއާ ގުޅިގެން ބަލަމުން ދިޔަ ދެ މީހުން ބަލިން ރަނގަޅުވެފައިވަނީ. އެ ދެ މީހުން ޑިސްޗާޒް ކުރެވުނީ މިއަދު ހަމަ ފްލައިޓުން ފުރައިގެން ދާ ގޮތަށް،" މަބްރޫކް ވިދާޅުވި އެވެ.

އެ ދެ މީހުންގެ ފުރަތަމަ ސާމްޕަލް ނެގެޓިވް ވެފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އޭޕްރިލް ދެވަނަ ދުވަހު ހެދި ޓެސްޓުން ވެސް އެ ދެ މީހުން ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް 15 ބިދޭސީ އަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން މިހާރު ދޫކޮށް ނުލާ ހުރީ އިޓަލީގެ ފަތުރުވެރިއެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެ މީހާގެ ފުރަތަމަ ސާމްޕަލް ނެގެޓިވް ވެފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ދެ ހަފްތާ ފަހުން އެނާ ޓެސްޓް ކުރުމަށް ފަހު ނެގެޓިވް ވެއްޖެ ނަމަ ދޫކޮށްލާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

ފަނަރަ ބިދޭސީންގެ އިތުރުން އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސެއް ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެ މީހުނަށް ފަރުވާ ދެމުން އަންނައިރު ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.