05 Apr 2020, 13:34
މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި އިނގިރޭސިވިލާތުގެ ގައުމީ ހެލްތު ސާވިސްއަށް އެހީތެރިވުމުގެ ގޮތުން ޕްރިމިއާ ލީގުން 25 މިލިއަން ޕައުންޑު ފައިސާގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅަ ވަނީ އެއްކޮށްހެން މެދުކެނޑިފައެވެ. އެއާއެކު ފުޓުބޯޅަ ކްލަބުތަކުންނާއި ކުޅުންތެރިން ބަލަމުން ދަނީ ވައިރަހުން ސަލާމަތްވުމަށް ކޮށްދެވޭނެ އެހީއެއް ބެލުމަށެވެ.
ހެލްތު ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރިމިއާ ލީގުން ވަނީ ސިއްހީ ދާއިރާއަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައި ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ އިތުރުން އެހީއަށް ބޭނުންވާނެ އެހެން ފަރާތްތަކަށްވެސް ޕްރިމިއާ ލީގުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާކަމަށް ހެލްތު ސާވިސްއިން ބުންޏެވެ.
ޕްރިމިއާ ލީގުން ހަދިޔާކުރި 20 މިލިއަން ޕައުންޑުގެ ތެރޭގައި ޑައިރެކްޓް ފައިސާގެ ކޮންޓްރިބިއުޝަންގެ އިތުރުން ފަންޑުތައް ހުޅުވުން ހިމެނެއެވެ. އެ ފަންޑުތަކަކީ ފުޓުބޯޅަ ކްލަބުތަކުން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ހަދިޔާ ކުރެވޭނެ ފަންޑުތައް ކަމަށް ހެލްތު ސާވިސްއިން ވަނީ ބުނެފައެވެ.
"މި ފަންޑުތަކުގެ ސަބަބުން ވަގުތުން އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ. ހަމަ އެފަދައިން މުސްތަގުބަލުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފައިސާ ބޭނުންވާ މީޑިއަމްއެއް އުފެދިގެން ދާނެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.