ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުން މޫދަށް ފުންމާލި އެ ރިސޯޓުގެ މުދިމު ހޯދަން ޑައިވް ކޮށްގެން 261،600 ސްކޮޔާމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލުނު ކަމުގެ ރިޕޯޓު ސިފައިންނަށް ލިބިފައި ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭގަނޑު 10:13 އެހައިކަންހާއިރު އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ރިސޯޓުގެ ސީސީޓީވީ ފްޓޭޖުން އެމީހާ ފޯނު ކޯލެއްގައި ހުރެފައި ރިސޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލާތަން ފެންނަ ކަމަށެވެ.

އެ ރެއިން ފެށިގެން އެމީހާ ހޯދަން އެ ސަރަހައްދުގައި އަންނަނީ ޑައިވް ކުރަމުންނެވެ. އާޒިމް ވިދާޅުވީ ފުރަތަމަ ރޭ ޑައިވަރުން 32،000 ސްކޮޔާމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން 120،000 ސްކޮޔާމީޓަރުގެ ސަރަހައްދަކާއި 109،600 ސްކޮޔާމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މީގެއިތުރުން ކޯސްޓްގާޑު ލޯންޗުން ކަނޑުގެ ސާފަސްގެ 48,542,000 ސްކޮޔާމީޓަރުގެ ސަރަހައްދެއް މިއަދާ ހަމައަށް ބެލާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެމީހާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

އާޒިމް ވިދާޅުވީ މިއަދުވެސް އެމީހާ ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓާނުލާ ކަމަށެވެ. މިއަދުވެސް ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންނާއި، ކޯސްޓްގާޑުގެ ކާނި ލޯންޗު އަންނަނީ އެމީހާ ހޯދަން މަސައްކަތް ކުރަމުންނެވެ.