09 Apr 2020, 10:15
ވޮޝިންޓަން (އޭޕްރިލް 9): އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީން ވާމަންޓުގެ ސެނެޓަރު ބާނީ ސޭންޑާސް ވަކިވެޑައިގެންފިއެވެ.
އުމުރުން 78 އަހަރުގެ ސޭންޑާސް ވިދާޅުވި ގޮތުގައި ރިޔާސީ ރޭހުން ވަކިވެޑައިގަންނަވަނީ ޑިމްކޮރެޓިކް ޕާޓީ ކާމިޔާބުކުރުމަށް ބޭނުންވާ ވަރަށް ވޯޓު ލިބޭނެ މަގެއް ނެތްކަމަށް ގަބޫލު ކުރެވޭތީއެވެ.
"ޕްރައިމަރީ ކާމިޔާބު ކުރެވޭނެ މަގެއް އޮތްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭނަމަ އަޅުގަނޑު ކުރިއަށް ދާނަން. ނަމަވެސް އެފަދަ މަގެއް ނެތް،" ސޭންޑާސް ވިދާޅުވިއެވެ.
މީގެ ކުރިން 2016 ވަނަ އަހަރުގެ ޑިމޮކްރެޓިކް ޕްރައިމަރީގައިވެސް ވާދަކުރެއްވި ސޭންޑާސްގެ ސިޔާސަތުތަކުގެ ތެރޭގައި ގައުމުގެ އެންމެންނަށް ސިއްހީ ފަރުވާ ލިބޭނެ ގޮތް ހެދުމާއި ސަރުކާރުގެ ކޮލެޖުތަކުގައި ހިލޭ ކިޔެވުމަށް ފުރުސަތު ދިނުމާއި މުއްސަނދިންގެ އަތުން ނަގާ ޓެކްސް އިތުރުކުރުމާއި އެންމެ ކުޑަ މުސާރަ (މިނިމަމް ވޭޖް) ބޮޑުކުރުން ހިމެނެއެވެ.
ސޭންޑާސްއަށް އެންމެ ބޮޑަށް ތާއިދު ކުރަނީ އޭނާގެ ސިޔާސީ "އިންގިލާބަށް" ތާއިދުކުރާ ޒުވާނުންނެވެ. އަދި މިފަހަރުގެ ޕްރައިމަރީގައި ވޯޓުލީ ފުރަތަމަ ސްޓޭޓުތަކުން ސޭންޑާސްއަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް، ފަހުގެ ސްޓޭޓްތަކުން ކުރި ހޯދަމުން އައީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއެވެ.
ސޭންޑާސް ޕްރައިމަރީގެ ރޭހުން ވަކިވުމާއެކު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު، ޖޯ ބައިޑެންއަށް ވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ. އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން އޮންނާނީ އަންނަ އޮގަސްޓް މަހު އޮންނަ ޑިމޮކްރެޓިކް ކޮންވެންޝަންގައެވެ.
އެ ގައުމުގެ ރިޔާސީ އިންތިހާބު އޮންނާނީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގައެވެ. އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާނެކަމަށް ބެލެވެނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ސޭންޑާސް ރިޔާސީ ރޭހުން ވަކިވެޑައިގަތީ ދުނިޔޭގެ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ކެމްޕެއިންތައް ހުއްޓުމަކަށް އައިސްފައި ވަނިކޮށެވެ. އެވައިރަސް އެންމެ ބޮޑަށް މިހާރު ފެތުރިފައި ވަނީ އެމެރިކާގައެވެ. އެގޮތުން އެގައުމުގެ 432،000 އަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 14،817 މީހަކު ވަނީ މަރުވެފަ އެވެ.