ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މާލޭ ސިޓީގައި ކޮންމެ ދުވަހަކު ހިންގަމުން އައި ކާފިއު އުވާލައިފި އެވެ.

އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މާލޭ ސިޓީގައި ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު އިއުލާން ކުރަން ފެށީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ސަރުކާރު ގެޒެޓުގައި މިހާރު ޝާއިއުކޮށްފައިވާ އެޗްޕީއޭގެ އެެންގުމުގައި ބުނެފައިވަނީ، މިދިޔަ މަހުގެ ދެ ވަނަ ދުވަހު ކާފިއު އިއުލާން ކުރަން އެންގި އެންގުން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނީ، ކާފިއު އުވާލި ނަމަވެސް، ހުރިހާ ވަގުތުތަކުގައިވެސް މާލެ ސިޓީގައި ތިން މީހުންނަށްވުރެ ގިނަ މީޙުން އެއްވެ އުޅުމަކީވެސް މަނާކަމެކެވެ.

އެންގުމުގައި އިތުރަށް ބުނީ، ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ގައިދުރުކަން އިތުރުކުމަޓަކައި، ލޯކަލް މާރުކޭޓުތަކާއި ފިހާރަތަކާއި އޮފީސްތަކާއި ބޭންކުތަކައި އެހެނިގެން ގޮތުންވެސް އާންމު ހިދުމަތްދޭ ތަންތަނުގައި ގައިދުކުރުކަމުގެ ރަނގަޅު މިންގަޑުތައް ހުންނާނެ ގޮތަށް އިންޒާމުތައް ހަމެޖެހިފައި ހުންނަންވާނެ ކަމަށެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުންވެސް ގައިދުރުކަމުގެ ގޮތްތަކާއި އާދަތައްކަށް އިސްކަންދިނުމަށާއި އެގޮތަށް އަމަލު ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

ކާފިއު ހިންގަން ފެށިތާ މިހާތަނަށް މިއަދަށް ހަފްތާއެއްހާ ދުވަސްވީއިރު، ކާފިއު ވަގުތުގައި ބޭރަށް ނުކުމުގެ މިހާތަނަށް 1،138 ފަހަރަށް ފުލުހުން ވަނީ އެކި މީހުންނަށް ނަސޭހަތް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 954 ދިވެހިންނާއި 184 ބިދޭސީންނެވެ. އެމީހުންގެ ތެރޭގައި ތަކުރާރުކޮށް ނަސާހަތްދިން މީހުންވެސް ހިމެނެއެެވެ. މިހާތަނަށް ކާފިއު ވަގުތުގައި ބޭރަށް ނުކުމެގެން ޖޫރިމަނާކޮށްފައިވަނީ ދެމީހުންނެވެ. ޖޫރިމަނާގެ އަދަދަކީ، 1،000 ރުފިޔާއެވެ.

ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށްޓަކައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާން ކުރީ މިދިޔަ މަހު 12 ވަނަ ދުވަހުއެވެ. އެ މުއްދަތު ނިމެނީ އަންނަ އާދިއްތަ ދުވަހަށެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ 19 މީހެކެވެ. އޭގެ ތެރެއިން 13 ބިދޭސީން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި ފަރުވާ ދެމުން ދަނީ އިނގިރޭސީ ވިލާތުން އައި ހަތަރު ދިވެއްސަކަށެވެ.