ކޮވިޑް19ގެ އަލާމާތްތައް ފެންނަން މީހުން އެ މައުލޫމާތު ސިއްރު ކުރާ ކަމަށާއި އެއީ މުޅި ގައުމު ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން އެދިވަޑައިގަންނަވީ އެއްވެސް ފަރާތަކުން ކިރިޔާވެސް އަލާމާތެއް ފެންނަ ނަމަ އެކަން ކަމާ ބެހޭ ފަރާތްތަކަަށް ރިޕޯޓު ކުރުމަށެވެ. އަދި މައުލޫމާތު ސިއްރު ނުކުރުމަށް އަމީން އިލްތިމާސް ކުރިއްވިއެވެ.

"ރިސޯޓުތަކުން 14 ދުވަސް ހަމަވެ، މީހުން މުޖުތަމައުއަށް ދާއިރުވެސް، [އަދި] 14 ދުވަސް ތެރޭ އެއްވެސް އަލާމާތެއް ހުރި ނަމަ އެކަން ސިއްރު ނުކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް. އަޅުގަނޑުމެންނަށް ފާގަވެފައި އެބަހުރި 14 ދުވަސް ހަމަވުމަށް ކައިރިވުމުން ނުވަތަ 14 ދުވަސް ހަމަވުމުން އަޅުގަނޑުމެން މައުލޫމާތު އެއްކުރާއިރު، ބައެއް ފަހަރު އަލާމާތްތައް ހުންނަ މީހުންގެ މައުލޫމާތު މިހާތަނަށް ފޯރުކޮށް ނުދީ ހުރި ކަން ފާހަގަ ކުރެވޭ،" އަމީން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވާހަކަ ދައްކަވަނީ: މައުލޫމާތު ސިއްރު ނުކުރުމަށް އެދިވަޑައިގެންނަވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމީން ވިދާޅުވީ، ބައެއް ހާލަތްތަކުގައި ރިސޯޓުގެ މުވައްޒަފުން ރިސޯޓުން އަވަހަށް ފޭބުމުގެ މަގްސަދުގައިވެސް އެގޮތަށް މައުލޫމާތު ސިއްރު ނުކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އަދި އެގޮތަށް ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ، ހަމަ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރަައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކެއްކަން މިނިސްޓަރު ވިދާޅުވިއެވެ.

"އެމީހެއްގެ އަލާމާތް ހުރި ވާހަކަ ބުނުމުގެ ސަބަބުން އެރަށުގައި ތިބި މުވައްޒަފުން 14 ދުވަހަަށް ވުރެ ގިނަ ދުވަހު ތިބެން ޖެހިދޭނެ ކަމަށްޓަކައި އެ މައުލޫމާތު ސިއްރުކޮށްފިނަަމަ، އެކުރެވޭ ކަމެއްގެ ސަބަބުން މުޅި ރާއްޖޭގެ ހުރިހާ އެންމެން ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދޭ،" އަމީން ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ، އަދިވެސް ރާއްޖޭގައި ކޮވިޑް19 ނެތް ކަން ބުނުމަކީ އުދަނގޫ ކަމެއް ކަމަށާއި އެހެން ކަމުން އަދިވެސް ވައިރަހުން ރައްކާތެރިވެ، ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް އަމަލުކުރުމަށް އެދޭ ކަމަށެވެ. އަދި ސަރުކާރުން އެއިރެއްގައި އަޅާ ފިޔަވަޅުތަކަކީ، އެ ހާލަތަކަށް ބަލައި އަޅާ ފިޔަވަޅުތަކެއް ކަން އަމީން ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ 19 މީހެކެވެ. އޭގެ ތެރެއިން 13 ބިދޭސީން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި ފަރުވާ ދެމުން ދަނީ އިނގިރޭސީ ވިލާތުން އައި ހަތަރު ދިވެއްސަކަށެވެ.