ކަރަންޓީނުގައި ހުރެ މަކަރު ހަދައިފިނަމަ، ކަރަންޓީނުގެ މުއްދަތު ހަމަވުމުގެ ކުރިން ކަރަންޓީނުގެ މުއްދަތު އަލުން ގުނަން ފަށާނެ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ޑރ. ލަތީފު ވިދާޅުވީ ކަރަންޓީނު ކުރަނީ އެމީހެއްގެ ގައިގައި ބަލި ހުރުމުގެ ފުރުސަތު ބޮޑުވުމުން ކަމަށާއި ކަރަންޓީނަށް އޮޅުވާލައިފިނަމަ އެކަން ކުރުމުގެ ބޭނުން ދާނެ ކަމަށެވެ.

"ކަރަންޓީނު ކޮށްފައި ތިބޭ މީހުން، އެމީހުންގެ ކޮޓަރިން ނުވަތަ ބަހައްޓާފައި ހުންނަ ހިސާބަކުން ނިކުމެ، އެހެން މީހުންނާ މިކްސް ވާނަމަ، ކަރަންޓީނުގެ ބޭނުން ދިޔައީ. [ކަރަންޓީނުގެ] ސާދަ ދުވަހުގައި މި ދަންނަވަނީ އެ ހުންނަ ކޮޓަރިއެއްގައި ނަމަވެސް ގޭގައި ނަމަވެސް އެހެން މީހުންނާ ދިމާނުވެ ހުންނަން އެބަޖެހެޔޭ. އެކަމަކު މިސާލަކަށް ވިލިވަރުގައި އެގޮތަށް މިކްސް ވާނަމަ، އެ 14 ދުވަސް އެގޮތަކަށް ނުގުނޭނެ. މިކްސްވާއިރަށް އަޅުގަނޑުމެން ގުނަން ފަށަނީ މިކްސްވި ދުވަހުން ފަށައިގެން އަނެއްކާ ވެސް 14 ދުވަސް." ޑރ. ލަތީފް ވިދާޅުވި އެވެ.

ކަރަންޓީނަށް މަކަރު ހަދައިފިނަމަ އަލުން ގުނާނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއިރު، މިދިޔަ މަހު ކޮވިޑް-19އަށް ޕޮޒިޓިވްވި ބަޔަކު ފެނުނު އައިލެންޑް ސަފާރީގައި ތިބި މީހުންގެ ކަރަންޓީނު މުއްދަތު ތިންވަނަ ފަހަރަކަށް ވަނީ އިތުރުކޮށްފަ އެވެ.

އެ ސަފާރީގައި ތިބި ދެ މީހެއްގެ ގައިން ކޮވިޑް19 ގެ އަލާމާތްތަކެއް ފެނިގެން އެ ސަފާރީ ކަރަންޓީނު ކުރީ މާޗު 13 ވަނަ ދުވަހުއެވެ. އެ ސަފާރީގައި ތިބި ދެމީހަކު ބައްޔަށް ޕޮޒިޓިވް ވީ މާޗު 15 ވަނަ ދުވަހުއެވެ.

އެ ފަހަރު ކަރަންޓީނުގެ މުއްދަތު ހަމަކުރި ދެ ފަތުރުވެރިއަކު ރާއްޖެއިން ފުރި ފަހުން އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ސަފާރީގައި ތިބި މީހުން ދެވަނަ ފަހަރަށް ކަރަންޓީނުކުރީ ވިލިވަރު ރިސޯޓުގައި ހުންނަ ކަރަންޓީނު ފެސިލިޓީގަ އެވެ. އޭގެ ފަހުން މިއަދު އަނެއްކާ ވެސް އެމީހުންގެ ކަރަންޓީނު މުއްދަތު އަލުން ގުނަން ފަށާފައިވެ އެވެ.