10 Apr 2020, 10:38
މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ފަރުވާއެއްގެ ގޮތުގައި ރާއްޖޭގައި ވެސް ބައެއް ހާލަތުގައި އެންޓި މެލޭރިއާ ޑްރަގް ބޭނުންކުރާނެ ކަމަށް ރާއްޖޭގެ ޑޮކްޓަރެއް ކަމަށްވާ އަލީ ލަތީފް ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަހާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ އިސް ޓީމު ކަމަށް ވާ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ އެންޓި މެލޭރިއާ ޑްރަގް ކޮވިޑަށް ފަރުވާކުރަން ބޭނުންކުރަނީ ބައެއް ހާލަތްތަކުގައި މާބޮޑަށް ބަލި މީހުންނަށް ކަމަށެވެ.
އެންޓި މެލޭރިއާ ޑްރަގެއް ކަމަށްވާ ހައިޑްރޮސިކޮލްރޯކުއަނިން މިހާރުވެސް ބައެއް ގައުމުތަކުގައި ކޮވިޑްއަށް ފަރުވާދޭން ދަނީ ބޭނުންކުރަމުންނެވެ.
އިންޑިއާއިން ދާދި ފަހުން ވަނީ އެ ބޭސް އެކްސްޕޯޓްކުރުން މަނާކޮށްފަ އެވެ. ނަަމަވެސް އިންޑިއާއިން ފަހުން ވަނީ އެ ބޭސް އެމެރިކާއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފަ އެވެ.
ކޮވިޑްއަށް ފަރުވާއެއްގެ ގޮތުގައި ޗައިނާއިން ވަނީ އެގައުމުގެ ގަދީމީ ބޭސްވެރިކަމުގައި ބޭނުންކުރާ ބައެއް ބޭސްތައް ވެސް ބޭނުންކޮށް ފައެެވެ. ޗައިނާއިން މިހާރު ދަނީ އެ ބޭސްތައް އެހެނިހެން ގައުމުތަކުގައިވެސް ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރަމުންނެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ ޗައިނާގެ ބޭސްވެރިކަމުގައި ހިމެނޭ ބޭސްތައް ބޭނުންކޮށްގެން ރާއްޖޭގައި ފަރުވާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑްގެ 19 ކޭސްއެއް ފެނިފައިވެ އެވެ. އޭގެ ތެރެއިން ދެ ފަތުރުވެރިއަކު ޕޮޒިޓިވްވީ އެމީހުން އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ބަލި ފެނުނު 13 މީހަކު މިހާރު ވަނީ އެއްކޮށް ރަނގަޅުވެފަ އެވެ. ފަރުވާދެމުން ދަނީ، އިނގިރޭސިވިލާތުން އެނބުރި އައި ހަތަރު ދިވެއްސަކަށެވެ.