ދުނިޔޭގައި މިހާރު ފެތުރުމުންދާ އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިން ކުރިއަށް އޮތް ހަ މަސް ތެރޭ ތައްޔާރު ކުރެވިދާނެ ކަމަށް ބެލެވޭ ކަމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ސައިންޓިސްޓަކު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް ވެކްސިން އުފެއްދުމުގައި އޮކްސްފޯޑުގައި ހަރަކާތްތެރިވާ ޓީމުގައި އިސްކޮށް ހުންނަވާ ވެކްސިނޮލޮޖީ ޕްރޮފެސަރު، ސާރާ ގިލްބާޓް ވިދާޅުވި ގޮތުގައި އެ ޓީމުން އުފައްދާ ވެކްސިން މަސައްކަތް ކުރާނެ ކަމުގެ "80 ޕަސެންޓު ޔަގީންކަން" އޭނާއަށް އެބަ އޮތެވެ. އަދި ވެކްސިން ތައްޔާރު ކުރުމުގައި "ހުރިހާ ކަމެއްވެސް ރަނގަޅަށް ގޮސްފި ނަމަ އަންނަ ސެޕްޓެމްބަރު މަހާ ހަމަޔަށް ވެކްސިން އުފެއްދޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބާވަތުގެ ވެކްސިންއިން އަޅުގަނޑުމެން ކޮށްފައިވާ އެހެން ކަންތައްތަކަށް ބެލުމަށް ފަހު އަޅުގަނޑު ދެކޭ ގޮތުގައި މިވެކްސިން މަސައްކަތް ކުރުމުގެ ބޮޑު ފުރުސަތެއް އެބައޮތް. އަޅުގަނޑަށް ފެންނަ ގޮތުގައި [ވެކްސިން މަސައްކަތް ކުރުމުގެ ފުރުސަތު] 80 ޕަސެންޓު،" ގިލްބާޓް ވިދާޅުވި އެވެ.

ޕްރޮފެސާ ގިލްބާޓް ވިދާޅުވި ގޮތުގައި އެ ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓު ކުރުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ފެށޭނެ އެވެ.

އެފަދަ ވެކްސިނެއް ތައްޔާރު ކުރެވިއްޖެ ނަމަ، ދުނިޔެއަށް ބޭނުންވާ ވަރަށް އެ ވެކްސިން އުފެއްދުމަށް ދިގު މުއްދަތެއް ނަގާފާނެ އެވެ. އެހެންކަމުން އޮކްސްފޯޑްގެ ޓީމުން ދަނީ ވެކްސިން މަސައްކަތް ކުރާކަން އެނގުމާއެކު ވެކްސިން ވީހާވެސް ގިނައިން އުފެއްދުމާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރާ މަޝްވަރާ ކުރަމުން ކަމަށް ގިލްބާޓް ވިދާޅުވި އެވެ.

އޮކްސްފޯޑްގެ ޓީމުން އެފަދައިން ބުނި ނަމަވެސް ވައިރަހަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ އެހެން ފަރާތްތަކުން ވަނީ ވެކްސިން މީހުންނަށް ދެވޭ ވަރަށް ތައްޔާރު ކުރެވެން އެއް އަހަރާއި 18 މަހާ ދެމެދުގެ މުއްދަތެއް ނަގާފާނެ ކަމަށް ބުނެފަ އެވެ.

އެގޮތުން ބޭސް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޖޯންސަން އެންޑް ޖޯންސަން އިން ބުނި ގޮތުގައި އެކުންފުނިން ތައްޔާރު ކުރަމުންދާ ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓު ކުރަން ފެށޭނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރު މަހުގަ އެވެ. އަދި ވެކްސިން ޑިސްޓްރިބިއުޓް ކުރުމަށް އުފައްދަން ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި އާ ކޮރޯނާވައިރަހަށް މިހާރު ދުނިޔޭގެ އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ވައިރަހުގެ ސަބަބުން ޖެހޭ ބަލި، ކޮވިޑް-19 ގައި 108,867 މީހަކު ވަނީ މަރުވެފަ އެވެ.