12 Apr 2020, 23:46
ރިސޯޓުތަކާ ސަފާރީތަކުން 9600އަށް ވުރެ ގިނަ މީހުން ދޫކޮށްލާފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ ރިސޯޓުތަކާ ސަފާރީތަކުން މިހާތަނަށް 9663 މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް-- ސަން ފޮޓޯ: ފަޔާޒު މޫސާ
މީގެ އިތުރުން ކަރަންޓީނުން ދޫކޮށްލާފައިވާ މީހުންގެ ނަމްބަރުތައް ވެސް އެ ބައްދަލުވުމުގައި މަބްރޫކް ހިއްސާކުރެއްވި އެވެ.
"800އަށް ވުރެ ގިނަ މީހުން ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލެވިއްޖެ. އަދި ރިސޯޓުތަކާއި ސަފާރީތަކުން މިއަދާ ހަމައަށް 9،663 މީހުން ދޫކޮށްލެވިއްޖެ،" މަބްރޫކް ވިދާޅުވި އެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. މިހާތަނަށް ޖުމްލަ 20 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، މިއަދު ޕޮޒިޓިވް ވި މީހާއާއެކު ރާއްޖޭގައި މިވަގުތު ބައްޔަށް ފަރުވާދެމުންދާނީ ފަސް މީހަކަށެވެ.
ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެ މީހަކު ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު 13 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.