ކޮލަމްބޯ (އޭޕްރިލް 13): ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަން ޖެހޭ ކަމަށް އެގައުމުން ކަނޑައަޅައިފި އެވެ.

ލަންކާއިން އެފަދައިން ނިންމީ، ވައިރަހަށް ޕޮޒިޓިވް ވުމަށް ފަހު މަރުވި ތިން މުސްލިމެއްގެ ހަށިގަނޑު އެންދުމާ ގުޅިގެން އެމީހުންގެ އާއިލާއިން ނުރުހުން ފާޅު ކުރި ފަހުންނެވެ.

"ކޮވިޑް 19 ޖެހިގެން ނުވަތަ އެބައްޔަށް ޝައްކުވާ މީހަކު މަރުވެއްޖެ ނަމަ އެމީހެއްގެ ހަށިގަނޑު އަންދާނީ،" ހެލްތު މިނިސްޓަރު ޕަވިތުރަ ވަނިއަރައްޗި ވިދާޅުވި އެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން ބުނާ ގޮތުގައި ކޮރޯނާވައިރަސް ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު "އެންދުމަކީވެސް އަދި ވަޅުލުމަކީވެސް" ހުއްދަ ކަމެކެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ ލަންކާގެ އެ ނިންމުމަށް ފާޑު ކިޔާފަ އެވެ.

ލަންކާގައި މިހާތަނަށް 210 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި ހަތް މީހަކު ވަނީ މަރުވެފަ އެވެ. އަދި އެގައުމުގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ކާފިއު އިއުލާންކޮށް، އެގައުމަށް މީހުން އެތެރެވުން ވަނީ މަނާކޮށްފަ އެވެ.