ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓަކުން ވެސް މީހުން އަރައި ފޭބުން މަނާކޮށްފައި އޮތުމަށްފަހު، 138 ރިސޯޓާއި ސަފާރީން މީހުން ފޭބުމުގެ ހުއްދަ ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

މީހުން ފޭބުމުގެ ހުއްދަ ދީފައިވާ ރިސޯޓުތަކާއި ސަފާރީތަކުގެ ލިސްޓު ހެލްތު މިނިސްޓްރީގެވެބްސައިޓުގައިވަނީ އާންމުކޮށްފަ އެވެ.

އެ ލިސްޓުގައި އިއްޔެގެ ނިޔަލަށް މީހުން ފޭބުމުގެ ހުއްދަ ދީފައިވާ 138 ތަނުގެ ތެރޭގައި ހިމެނެނީ 69 ރިސޯޓަކާއި 69 ސަފާރީއެކެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައިވާ ތަންތަން ކަމަށެވެ. އަދި އެތަންތަނުން މީހުން ފޭބުމުގެ ހުއްދަ ދީފައިވަނީ މީހުން ފައިބަން ހުއްދަ ހޯދަން އެދި ހުށަހެޅި ފޯމުތަކާއި އެހެނިހެން ކަންކަން ބަރާބަރަށް ފުރިހަމަކޮށްފައިވޭތޯ ބެލުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި މީހުން ފޭބުމުގެ ހުއްދައަށް އެދި ހުށަހެޅި ތަންތަނުގެ ތެރެއިން ހުއްދަ ނުދޭން ނިންމާފައިވާ ތަންތަނުގެ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ. އަދި ހުއްދަ ނުދިނީ ކޮން ސަބަބަކާ ހުރެކަން ވެސް އެ ލިސްޓުގައި ވަނީ ބަޔާންކޮށްފަ އެވެ.