ސޯލް (އޭޕްރިލް 15): ދުނިޔޭގައި ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި ދެކުނު ކޮރެއާގައި ޕާލިމެންޓު އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ދެކުނު ކޮރެއާއިން އެ އިންތިހާބު ބާއްވަނީ ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަ ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން ވޯޓުލާން ދާ މީހުން ތިބެން ޖެހެނީ މާސްކު އަޅައިގެންނެވެ. އަދި ކިޔޫގައި ކޮންމެ މީހަކުވެސް އެއް މީޓަރު ދުރުގައި ތިބެ، ވޯޓުލުމުގެ ކުރިން ސެނިޓައިޒާއިން އަތް ސާފުކޮށް، ޕްލާސްޓިކް އަންގި ލައްވަން ޖެހެ އެވެ. އަދި ވޯޓުލާންދާ ކޮންމެ މީހެއްގެ ޓެމްޕަރޭޗާވެސް ބަލަ އެވެ. އޭގެ ތެރެއިން 37.5 ޑިގްރީ ސެލްސިއަސްއަށް ވުރެ ޓެމްޕަރޭޗާ މަތި މީހުން ވޯޓު ލާން ޖެހޭނީ ވަކި ބޫތެއްގަ އެވެ.

މީގެ އިތުރުން ދެކުނު ކޮރެއާއިން ވަނީ ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި ބަލި ޖެހިފައިވާ މީހުންނަށްވެސް ވޯޓު ލެވޭނެ ގޮތް ހަދާފަ އެވެ. އެގޮތުން ގޭގައި ކަރަންޓީނުވެފައި ތިބި މީހުންނަށް ވަނީ އެހެން މީހުން ވޯޓުލާ ނިމުމުން ވޯޓު ލާން އެއް ގަޑި އިރު ކަނޑައަޅާފަ އެވެ. އަދި އެމީހުން ވޯޓުލާން ދާން ޖެހޭނީ ހިނގާފައި ނުވަތަ އަމިއްލަ އުޅަނދުގައި ކަމަށް ކަނޑައަޅާފަ އެވެ.

ދެކުނު ކޮރެއާގެ މަޖިލިސް އިންތިހާބުގައި ވޯޓުލުން ވަނީ ފަށާފަ -- ފޮޓޯ: އޭޕީ

ބަލީ ޖެހިފައިވީ ނަމަވެސް ހާލު ސީރިއަސް ނޫން މީހުންނަށް ވޯޓުލާން ފުރުސަތު ދިނުމުގެ ގޮތުން، އެމީހުންނަށް ފަރުވާދޭ ސެންޓަރުތައް ކައިރީ ވަނީ ވޯޓު ލާން ބޫތުތައް ތައްޔާރުކޮށްފަ އެވެ. އެފަދަ ބޫތުތައް ކައިރީ އޮފިޝަލުން ތިބެނީ ރައްކާތެރިކަމުގެ ސޫޓުތައް ލައިގެންނެވެ.

ދެކުނު ކޮރެއާގެ ނެޝަނަލް އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި މި އަހަރުގެ އިންތިހާބުގައި މިއަދު ރަސްމީކޮށް ވޯޓުލުން ފެށުމުގެ ކުރިން 11 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޕޯސްޓު މެދުވެރިކޮށާއި ކުރިން ގާއިމު ކުރި ވޯޓު ލާ ސްޓޭޝަންތަކުގައި ވޯޓު ދީފަ އެވެ. އެއީ ރަސްމީކޮށް ވޯޓުލުން ފެށުމުގެ ކުރިން އެހާވަރަށް ގިނަ އަދަދެއްގެ މީހުން ވޯޓު ލި ފުރަތަމަ ފަހަރެވެ.

ގާނޫނު ހަދާ މަޖިލީހަށް 300 މެމްބަރުން ހޮވާ އެ އިންތިހާބުގައި 35 ޕާޓީއަކުން ވާދަ ކުރެ އެވެ. ނަމަވެސް މަޖިލީހުގެ އަގުލަބިއްޔަތަށް އެންމެ ގާތުން ވާދަ ކުރާނީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ޔުނައިޓެޑް ފިއުޗާ ޕާޓީ އެވެ.

ދެކުނު ކޮރެއާއިން މީގެ ކުރިން އެއްވެސް އިންތިހާބެއް ފަސްކޮށްފައި ނުވެ އެވެ. އެގޮތުން 1952ގައި ކޮރެއާ ހަނގުރާމަ ކުރިއަށްދިޔަ އިރުވެސް އެގައުމުގައި ރިޔާސީ އިންތިހާބު ބޭއްވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ކޮރޯނާވައިރަސް ފެނުނު ފަހުން، އެންމެ ފުރަތަމަ ވައިރަސް ބޮޑަށް ފެތުރުނު ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ ހިމެނެ އެވެ. ނަމަވެސް އެގައުމުން ގިނަ އަދަދެއްގެ މީހުން ޓެސްޓުކޮށް، އެމީހުންނާ ކޮންޓެކްޓުވި އެންމެން ހޯދުމަށް ކުރިއަށްގެންދިޔަ ފުޅާ ކެމްޕެއިންގެ ސަބަބުން އެގައުމުގައި ބަލި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. އަދި ކޮރެއާގައި ފާއިތުވި ހަފްތާ ތެރޭގައި ކޮންމެ ދުވަހަކު އަލަށް ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 30 ވަރަކަށް މީހުންނެވެ. އެގައުމުގައި މިހާތަނަށް 10،591 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 225 މީހަކު ވަނީ މަރުވެފަ އެވެ.