15 Apr 2020, 16:11
ކޮރޯނާވައިރަހަށް މާލެއިން ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކީރިތި ކުރައްވައި ގައުމާ މުހާތަބު ކުރައްވައި، ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފި އެވެ.
ފެންކަޅިވެ އިންނަވާ، ގައުމާ މުހާތަބު ކުރައްވައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ހާލަތަކަށް ސަރުކާރު ތައްޔާރަށް އޮޮތް ކަމަށެވެ. ވަކިން ހާއްސަކޮށް، މާލެތެރެއިން، އެންމެ މީހަކުވިޔަސް ބައްޔަށް ޕޮޒިޓިވްވެދާނެ ކަމަށް ބަލައި، ސަރުކާރުން ތައްޔާރުވެގެން ތިބިކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކީ، ދިވެހި ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށާއި ބަލި ފެތުރޭ މިންވަރު ވީހާވެސް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ރައީސް މިއަދު ވަނީ ދެއްވައިިފަ އެވެ.
"މިކަން ތަންފީޒު ކުރުމުގެ މަސައްކަތް، ދައުލަތުގެ މުއައްސަސާތަކުން ކުރިއަށް ގެންދާއިރު، ދިވެހި ރައްޔިތުންގެ ކިބައިން މިއަދު އަޅުގަނޑު އެދެނީ، ކެތްތެރިކަމާއެކު މިކަމަށް އެއްބާރުލުން ދެއްވުމަށް،" ރައީސް ވިދާޅުވި އެވެ.
ކީރިތި ކުރެއްވޭ ހާލު ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ މިކަމާ ގުޅިގެން އާންމު ދިރިއުޅުމުގެ ކަންކަމުގައި ދަތިތަކާ ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް، މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު، އެންމެން އެކުގައި މަސައްކަތް ކުރުމުން، މިކަމުން އަރައިގަނެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް މިއަދު ވިދާޅުވީ ޒަރޫރީ ބޭނުމަށް ބޭނުންވާ ބޭހާއި، އެނޫންވެސް ހުރިހާ ތަކެއްޗެއްގެ ސްޓޮކް، ރަނގަޅު މިންވަރަކަށް އެބަހުރި ކަމަށާއި މިފަދަ ހާލަތެއްގައި ޒަރޫރީ ބޭނުންތައް ފުއްދޭނެފަދަ ގޮތްތައް އިދާރާތަކުން ކަންކަން ރާވާފައިވާ ކަމަށެވެ.
"އަޅުގަނޑު ނިންމާލަމުން އަދިވެސް އެއްފަހަރު، ހުރިހާ ރައްޔިތުންގެ ކިބައިން މި އެދެނީ، އެކަކު އަނެކަކާމެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުއާމަލާތް ކުރުމަށް. އަދި ކެތްތެރިކަން އިސްކުރައްވައި، އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އެހީތެރިވުމަށް،" ރައީސް އިލްތިމާސް ކުރެއްވި އެވެ.
މިހާތަނަށް އެއްވެސް ބޭހެއް އަދި ވެކްސިނެއް ހޯދިފައި ނެތް މި ބަލިން ރައްކާތެރިވުމަށް، އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، ބޭރުތެރެއަށް ނުނުކުމެ، ގޭގައި މަޑުކުރުން ކަމާއި އަދި ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް، ގިނަގިނައިން އަތް ދޮވެ، ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުރުންކަން ރައީސް ހަނދާންކޮށްދެއްވި އެވެ.
ރައީސް ވަނީ މި ބަލިން ރައްޔިތުން ރައްކާތެރިކުރުމުގައި، އެއްވެސް ވަރުބަލިކަމެއްނެތި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ ސިއްހީ ހިދުމަތްތެރިންނަށާއި، ހުރިހާ މީހުންނަށް ޝުކުރުއަދާކުރައްވައިިފަ އެވެ.
ރައީސް އެދިވަޑައިގެންނެވީ، ސިއްހީ މާހިރުންގެ ލަފާތައް އަޑުއަހައި ގޭގައި މަޑުކުރެއްވުމަށެވެ. އަދި އެކަކު އަނެކަކު އަޅާލައި ކެތްތެރިވެ އިހުސާންތެރިވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. މިވަގުތު ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.