މާލެ އިން އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިވަނީ މިއަދު އެވެ. އެއީ އިއްޔެ މާލެހިޔާ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެކެވެ.

ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މާލެ އިން ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ކޮވިޑް-19 އަށް މާލެއިން ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ މާފަންނުގައި ދިރިއުޅެމުން އައި މެދު އުމުރުގެ އަންހެނެކެވެ.

އެ މީހާއަކީ ފަހުގެ ތާރީހެއްގައި ބޭރު ގައުމަކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އަދި ކޮވިޑް-19 ޖެހުނު މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށް އެނގެން ނެތް ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެމީހާއަށް ކޮރޯނާވައިރަސް ޖެހިފައިވާކަން އެނގުނީ، މާލޭގައި ހުންނަ ފްލޫ ކްލިނިކަށް ދިއުމުންނެވެ.

މިއީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތް ވަނަ ދިވެއްސެވެ. މީގެ ކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި، ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ.

އެ ހަތަރު މީހުންގެ ގައިން ވެސް ބަލި ފެނިފައި ވަނީ ކަރަންޓީނު މަރުކަޒުގައި ތިއްބަ އެވެ.

މާލެއިން ކޮވިޑް 19 އަށް ޕޮސިޓިވްވި ފުރަތަމަ މީހާއާ ކައިރިން ބައްދަލުވި 54 މީހަކު އައިސޮލޭޓް ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.